މަހަކު 6،000 ރުފިޔާ ލިބޭ ލޯނެއް ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ދޭން ނިންމައިފިއެވެ.
މި ލޯން ދޭން ނިންމާފައި ވަނީ ދަރިވަރުންނަށް ދޭ ސްޓިޕެންޑެއް ގޮތުގައެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ހިލޭ ޑިގްރީގައި ބައިވެރިވެގެން ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ކުރަން ޖެހޭ ހަރަދަށް ލޯނުގެ ތެރެއިން ސްޓައިޕެންޑެއް ލިބޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މި ލޯން ދިނުމަށް ހަމަޖައްސާފައި ވަނީ ތޮޅުތެރެއިން ކިޔަވަން މާލެ އައިސް ތިބޭ ކުދިންނަށެވެ. އަދި މި ބުރުގައި ހުޅުވާލަން ނިންމާފައި ވަނީ 20 ފުރުސަތަށެވެ.
މި ލޯނު އަނބުރާ ދައްކަންޖެހޭނީ ކިޔަވާ ނިމޭތާ ހަ މަސް ފަހުންނެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ސްޓައިޕެންޑެއް ދޭން ނިންމީ ވަރަށް ގިނަ ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. މި ލޯނުގެ ސަބަބުން ދަރިވަރުން ގެ ހަރަދުތައް ހަމަޖެއްސުމަށް ބޮޑު އެހީއަކަށް ވެގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.