ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަސް، އާދީއްތަ ދުވަހަކާ ދިމާވާތީ އެއީ ރަސްމީ ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ން ސަރުކާރުގައި އެދެން ނިންމައިފި އެވެ.
އިންތިހާބުތަކުގެ އޮފިޝަލުންގެ ގޮތުގައި ގިނަ އަދަދަކަށް ސަރުކާރު މުވައްޒަފުން ހަރަކާތްތެރިވާތީ ރާއްޖޭގައި އިންތިހާބުތައް އާންމު ގޮތެއްގައި ބާއްވާނީ ހޮނިހިރު ދުވަހު އެވެ.
މަޖިލިސް އިންތިހާބު ފަސް ކުރަން އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރެއްވުމާއެކު އީސީން ވަނީ އޭޕްރިލް 21 ވާ އާދީއްތަ ދުވަހުގައި އެ އިންތިހާބު ބާއްވަން ނިންމައިފަ އެވެ.
އެ ދުވަސް އާދީއްތައާ ދިމާވާތީ، އެކަމާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
އިންތިހާބާ ބެހޭ ގާނުނަށް އެމްޑީޕީން ގެނައި އިސްލާހުގައި ބުނާ ގޮތުން އިންތިހާބު ރޯދަ މަހާ ދިމާވެއްޖެ ނަމަ ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުންނެވެ. އެ މުއްދަތު އޭޕްރިލް 19 ވާ ހުކުރު ދުވަހަށް ހަމަވެ އެވެ.
އެހެން ނަމަވެސް އީސީން ބުނީ ގާނޫނުގައި ބުނާ ތާރީހުތަކަށް މަސައްކަތްތައް ފެއްތުމުން އެންމެ އަވަހަށް އިންތިހާބު ބޭއްވޭނީ އާދީއްތަ ދުވަހު ކަމަށެވެ.
ގާނޫނަށް ގެނައި އިސްލާހުގައިވާ ތާރީހުތަކުން ގުނާ ނަމަ، އިންތިހާބު ބޭއްވެން އޮތީ އެޕްރީލް 21 ގައި ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.