ރައީސް މުޙައްމަދު މުއިއްޒަ ޔާމީން މިނިވަންކޮއްފާނެކަމަށް އެެއްވެސް އިރެއްގައި އިންތިޒާރު ނުކުރާކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ އާ ޕާޓީ ޕީއެންއެފްގެ ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އެ މަނިކުފާނު މިނިވަން ނުކުރައްވައިގެން، އެ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށެވެ.
“…އަޅުގަނޑު އިންތިޒާރުގައި އެއްވެސް ހިސާބެއްގައި ނެތޭ ރައީސް މުއިއްޒު އަޅުގަނޑު ވީއްލުމަށް މަސައްކަތެއް ކުރައްވާ ކަމަކަށް. ކުރައްވަންޏާ ކީއްވެތޯ މިއަދު ކުރައްވަންވީ. ކީއްވެގެންތޯ މި ދެމަސް ދުވަސް ދިޔައިރު ނުކުރެވުނީ.” ޔާމީން ވިދާޅުވިއެވެ.
“ގާނޫނީ ފަރުވާ” ލިބިގެން މިނިވަންވެ ވަޑައިގަންނަވާނެ ކަމުގެ އުންމީދު އޮތް ކަމުގައި ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ދަނީ އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ތަންފީޒު ކުރަމުންނެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ރައީސް ޔާމީން ގެންދަވަނީ ސިޔާސީ މަސައްކަތް ކުރައްވާ ޚިޔާލު ފާޅުކުރައްވަމުންނެވެ.