އަސްކަރީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ޗައިނާއިން ރާއްޖެއާއެކު ސޮއި ކޮށްފިއެވެ
އެ އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު އަޖޯންގު ބައުކުއާން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނެވެ.
މި ޒިޔަރާތުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އަދި ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމަށާއި ޗައިނާއިން ރާއްޖެއަށް މިލިޓަރީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.
ދިވެހި ސަރުކާރުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދެކެވެ. ޑިފެންސަށް ބޭނުންވާ ބައެއް ޑްރޯންތައް ހޯދުމަށް ތުރުކީއާއެކު ވެސް އެއްބަސްވުމަކަށް ގޮސްފައިވާއިރު، ކަނޑުގެ ސަރަހައްދު ބަލަހައްޓަން ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމަށް އެމެރިކާއިން ފައިސާގެ އެހީއެއް ދިނުމަށް ވާހަކަ ދެކެވިފައިވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނީ އިންޑިއާ އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅަކީ އިންޑިއާ ސިފައިން މި ގައުމުން ފޮނުވާލުމެވެ.