އެލްޖީއޭއިން، ކެނދިކުޅުދޫ ކައުންސިލުގެ ބަޔާން ބާތިލު ކުރަން އެންގީ ގޯސްކޮށް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
މި ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކެދިކުޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މަޖިލީސް އިންތިހާބުގެ ކެމްޕެއިން ކުރެއްވިކަމަށް ތުހުމަތުކޮށް އެ ރަށު ކައުންސިލުން ނެރުނު ބަޔާނެކެވެ.
ކެދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް، ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ އެ ދަތުރުފުޅުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދި ރައީސް އޮފީހުން އެ ކައުންސިލަށް އެންގެވިކަމަށެވެ. އަދި އެ އެންގުމާ އެއްގޮތަށް އެ ކައުންސިލުން ރައީސް ދަތުރުފުޅާއި ގުޅިގެން ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދީފައި ކަމަށް ބަޔާނުގައިވެއެވެ. އެގޮތުން ރައީސް ރަށަށް ފައިބާވަޑައިގަތުމަށްފަހު ރަށުގެ ރައްޔިތުންނާ މުހާތަބު ކުރުމަށް ބޭއްވި ހަފްލާގެ އެންމެހައި އިންތިޒާމެއް ހަމަޖައްސައި އެ ހަފްލާގައި ކައުންސުލުންވެސް ބައިވެރިވެފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި ބަޔާނާ ގުޅިގެންއެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނީ ލޯކަލް ކައުންސިލުތަކަކީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ ކައުންސިލުތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭންވާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ސިޔާސަތުތަކާއި ހާއްސަކޮށް ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ނިންމާ ނިންމުންތަކާ ދެކޮޅަށް ކައުންސިލުތަކުން ބަޔާން ނެރުމަކީ ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ، ކައުންސިލަކުން ނެރޭ ނޫސް ބަޔާނެއް ބާތިލުކުރަން އެލްޖީއޭއަށް އެންގިދާނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ މައްސަލައިގައި އެލްޖީއޭއިން އަމަލުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ. އަދި އެގޮތަށް އަމަލުނުކުރެވޭނެކަން އެ އިދާރާއަށް އަންގާފައިވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
“ކައުންސިލަކުން ނޫސްބަޔާނެއް ނެރުނީމާ، އެ ނޫސްބަޔާން ބާތިލުކުރަން އެލްޖީއޭއަށް އެންގިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރަން ވަރަށް ދަތި. އަޅުގަނޑު ގަބޫލުކުރާ ކަމެއް ވެސް ނޫން،” ބަންޑާރަނައިބު