ދުނިޔޭގެ އެންމެ މުއްސަނދިން ލިސްޓުގެ އެއްވަނައަށް އެމޭޒަން ގެ ފައުންޑަރު ޖެފް ބެޒޯސް އަރައިފިއެވެ.
ފޯބްސް އިން މިއަދު އާންމު ކުރި ލިސްޓުގައި ބުނެފައި ވަނީ ބެޒޯސް އަށް މިއަހަރުގެ މިހާތަނަށް 24 ބިލިއަން ޑޮލަރު އިތުރު ވި އިރު، މި ލިސްޓުގެ އެއްވަނައިގައި ކުރިން އިން ޓެސްލާ ކުންފުނީގެ ވެރިޔާ އިލޮން މަސްކް އަށް މިއަހަރު 31 ބިލިއަން ޑޮލަރު ގެއްލިފައި ނުވަތަ ދަށަށް ގޮސްފައި ވާ ކަމަށެވެ.
އެހެންކަމުން ދުނިޔޭގެ އެއްވަނައި ގައި މި ވަގުތު އޮތީ ޖެފް ބެޒޯސްއެވެ. ބިލިއަނަރުންގެ ލިސްޓު ފޯބްސް އިން ދަމަހައްޓަނީ ސްޓޮކްމާކެޓުގައި އެމީހުންގެ ވިޔާފާރިތަކަށް ކުރިއެރުން އަންނަ ގޮތާއި ދަށަށް ދާ ގޮތް ބަލައިގެންނެވެ. ސްޓޮކް މާކެޓުގެ އެންމެ ބޮޑު ޝެއާއެއް ހިއްސާ ކުރަނީ ބިލިއަނަރުން ކަމަށް ވާ އިރު ސްޓޮކް މާކެޓުގެ އަގުތަކަށް އަންނަ ބަދަލާ އެކު އާމްދަނީ މަތިވެ އަދި ދަށްވަމުން ދެއެވެ.
މުއްސަދިންގެ ލިސްޓުގެ ދެ ވަނައިގައި 198 ބިލިއަން ޑޮލަރާއެކު މަސްކް އޮތްއިރު، ތިން ވަނައިގައި ލަކްޒަރީ ތަކެތި ވިއްކާ އެލްވީއެމްއެޗް 197 ބިލިއަން ޑޮލަރާއެކު އޮތީ ބާނާޑް އާނޯލްޓެވެ.