ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީގެ ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ ގޮތަށް ގާނޫނަށް ބަދަލުގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީސް އިންތިހާބާ ދިމާކޮށް ރައީސް އަތޮޅުތަކަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވ. ކެޔޮދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ސާރުކާރުން އިސްކަންދޭ ސިޔާސަތެއް ކަމަށެވެ.
ރައީސް ވިދާޅެލެއްވީ ކައުންސިލްތަކަށް އާމްދަނީ އިތުރުވުމުން ސީދާ ރައްޔިތުންނަށް ކުރިއެރުން ހޯދޭނެކަމަށެވެ. އަދި ހަގީގީ މާނަގައި ލާމަރުކަޒީ ކުރެވޭނީ ދައުލަތަށް ލިބޭ އާމްދަނީން މިންވަރެއް ރަށްރަށުގެ ކައުންސިލްތަކަށް ވެސް ލިބިގެން ކަމަށެވެ. ރައްތަކުން ލިބޭ ޓީޖީއެސްޓީން ވަކި މިންވަރެއް ކައުންސިލްތަކަށް ދިނުމަށް ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މި އިސްލާހުތައް ގެއްނަން ބޭނުންވިޔަސް އެބާރު އޮތީ ރައްޔިތުންގެ މަޖިލީގުގައި ކަމަށާއި ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހެއް މި ކަންކަން ކުރަން ބޭނުންވާކަމަށް ރައިސް ވިދާޅުވިއެވެ.
“ރައްޔިތުންގެ ހެވާއި ލާބައަށް އަޅުގަނޑުމެންނަށް އެއްބާރުލުންދޭނެ މަޖިލީހެއް އޮވެގެން މި ކަހަލަ ކަންކަން ވާން އަންނާނީ،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ކުރިޔަށް އޮތް މަޖުލިސް އިންތިހާބުގައި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ހޮއްވަވަން އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ، ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތައް ހިންގަން ސަރުކާރަށް ތާއީދުކޮށް އެއްބާރުލުންދޭނެ މެންބަރުން މަޖިލީހަށް ހޮވުން ކޮންމެހެން ބޭނުންތެރި ކަމަށެވެ
މިއަހަރުގެ މަޖިލީސް އިންތިހާބު އޮންނާނީ އޭޕްރީލް 20 ވާ އާދީއްތަދުވަހުގައި އެވެ.