ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް މާދަމާ ދޫކުރަން ފަށާނެކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯ އިން ބުނީ ރޯދަމަހަށް ހާއްސަ ކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް ވާން ޖެހޭ ތައްޔާރީތައް ފުރިހަމަ އަށް ވެފައިވާނެކަމަށެވެ.
އެސްޓީއޯއިން ބުނީ މާލޭ ސަރަހައްދުގައި މުދާ ދޫކުރާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. އަދި މާލެ ސަރަހައްދުގައި މުދާ ދޫކުރާނީ މާދަމާއިން ފެށިގެން މާޗް 16 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް ވެސް ބުނެފައި ވެއެވެ.
މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވަނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30އިން މެނދުރުފަހު 1:00 އަށް އަދި ރޭގަނޑު 21:00އިން 23:30 ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މީގެއިތުރުން އެސްޓީއޯއިން ބުނީ ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ދޯނިތަކަށް ބަރުކުރަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި އެ މުދާ ގޭބީސީ ތަކަށް ދޫކުރާނީ ރަށު ކައުންސިލުން ކަމަށެވެ.