އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 30،878 އަށް އަރައިފިއެވެ.
ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ އިސްރާއީލުން ވަށާލާފައިވާ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ 78 މީހުން ޝަހީދުވެ، 104 މީހުން ޒަޚަމްވެފައިވާކަމަށާއި، އެއަދުތަކާއެކު އޮކްޓޯބަރު 7 ވަނަދުވަހުން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 30،878 އަށް އަރައިފި ކަމަށެވެ.
މީގެއިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިން ޣައްޒާގައި އެއް އާއިލާއަކުންވެސް 8 މީހުން ޝަހީދުކޮށްލާފައިވާކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެއެވެ.
އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ކުރަމުން ގެންދާ އިރު، ފާއިތުވާ ކޮންމެ 24 ގަޑިއިރަކީ ގާޒާގެ ކުޑިބޮޑު އެތައް ބަޔަކު ޝަހިދުވެގެން ދާ ވަގުތެކެވެ. އިޒްރޭލުން ބޮން އަޅާ މިސައިލް ހަމަލާ ދިނުމުގައި ކުޑަކުއްޖެއް، ބޮޑެއް، އެހީގެ ގާފިލާއެއް ނުބަލައެވެ.
އިޒްރޭލުގެ މިއުދުވާނާ ގުޅިގެން ގާޒާއަށް ކާބޯތަކެތި ލިބުން ހުއްޓި އާންމުން ބަނޑަށް މަރުވަމުން ދާ އިރު ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި 15 ކުޑަކުދިންނާއި އުމުރުން ދުވަސްވީ 5 މީހަކު ހައިހޫނު ކަމުގައި ވަނީ މަރުވެފައެވެ.
އާބާދީގެ 2 އަހަރުން ދަށުގެ ކޮންމެ 6 ކުއްޖަކުން 1 ކުއްޖަކު މިވަގުތު ތަހަންމަލް ކުރަމުން ދާ ހައިހޫނު ކަމުގެ އިތުރުން އެ ކުދިން ހެދިބޮޑުވުމަށް ބޭނުންވާ ކާނާ ނުލިބި ފުރާނައާ ދަނީ ހަނގުރާމަ ކުރަމުންނެވެ.