މަޖިލިސް އިންތިހާބުގައި މި ސަރުކާރަށް ފުރުސަތު ދީފި ނަމަ ކުރިއަށް އޮތީ މާ ނުރައްކާ ދުވަސްތަކެއްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީން ފުނަދޫ ދާއިރާއަށް ވާދަކުރާ އިލްހާމް އަހުމަދުގެ ކެމްޕެއިނަށް ށ. މާއުނގޫދުއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަކީ އަނިޔާވެރި، ބިރުވެރި ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު އެއަށްވުރެ މާ ނުރައްކާތެރިވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
“ތިޔަ ބޭފުޅުން މިކަމާ ދޭތެރޭގައި ފުންކޮށް ވިސްނާވަޑައިގަންނަވަންވާނެ. އަޅުގަނޑު އެބަ ދަތުރުކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް، ދާ ކޮންމެ ރަށަކުން ރައްޔިތުން ބުނަމުންދަނީ މި ހެދުނީ ގޯހެކޭ މިކަން ބަދަލުކުރަން އެބަޖެހެޔޭ،” ސޯލިހް
ސޯލިހު އިތުރަށް ވިދާޅުވީ މި ސަރުކާރުގައި އޮޅުވާލުން އިންތިހާއަށް އޮތް ކަމަށާއި އޭގެ އެއް މިސާލަކީ، ރަށްފުށުގެ ތަރައްގީއަށް ޓަކައި ކުރަން ފަށައިފައި ހުރި ހުރިހާ ކަމެއް ހުއްޓުމަކަށް ގެނެސްފައިވުން ކަމަށެވެ. އެގޮތުން ރައީސްގެ ރިޔާސީ ކެމްޕެއިން ތެރޭގައި، ރަށްރަށުގެ ތަރައްގީއަށްޓަކައި ފަށައިފައި ހުރި އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓަވާނެ ކަމަށް ވިދާޅުވި ނަމަވެސް އެއީ އިތުރުފުޅެއްކަން މިއަދު ހާމަވާކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސޯލިހު ވަނީ ސިޔާސީ މަގާމުތައް އިތުރު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިނަމަވެސް މިއަދު އެކަން ވެސް ހިނގަނީ މުޅިން ތަފާތުކޮށް ކަމަށް ވިދާޅުވެފައެވެ.
“ވަޒީފާ އިންތިހާއަށް އެބަ އިތުރުކުރެވޭ، އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި ވިއްޔާ މިހާރު ސިޔާސީ މަގާމުތައް 1500އާ ހިސާބަށް މިސްރާބު ޖަހާފަ އޮތީ. މިއީ މިއިން އެއްވެސް ޒަމާނެއްގައި އެއްވެސް ސަރުކާރަކުން ކަންތައް ކުރި ގޮތެއް ނޫން،” ސޯލިހު