-Advertisement-

-Advertisement-

މަގުމައްޗަށް ކުނި ނުނެރުމަށް އީޕީއޭއިން އިލްތިމާސްކުރައްވައިފި

ފޮޓޯ: އެޓޯލް ޓައިމްސް

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކޮށް މަގުމައްޗަށް ކުނި ނެރެމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން، އޭޖެންސީ އިލްތިމާސްކުރައްވައިފިއެވެ

އީޕީއޭއިން ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންވެސް ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމަށްފަހު އުފެދޭ ކުނި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިހާރަކަށް އައިސް އާންމުކޮށް ގޭބިސީތަކުން އުފެދޭ ކުނިވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތައް ދިމާވެ ޞިއްޙީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އީޕީއޭއިން ވަނީ ވިދާޅުވެފައިއެވެ.

މިގޮތުން އީޕީއޭ އިން އެދިވަޑައިގެންފައިވަނީ، މަގުމައްޗަށާއި ހުސްކޮށްހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށާއި، ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ދުރާލާ ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅައިގެން ހަމަޖެއްސެވުމަށެވެ.

އީޕީއޭއިން ވަނީ ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން މަނާކަމެއް ކަން ފާހަގަކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-