އެ މަނިކުފާނާ ދިމާލަށް އަމާޒު ކުރާ ބަހަކާ ގުޅިގެން އެއްވެސް މީހަކަށް ފިޔަވަޅު އަޅައި އަދަބު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރެންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ މަޝްވަރާއާ އެކު ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ހުރިހާ މަސައްކަތެއް ކުރަންވަން ބޭނުންފުޅުވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފަކު ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އެ މުވައްޒަފުގެ މަގާމު ދަށްކުރި ކަމުގެ ވާހަކަ ނޫސްތަކުން ފެނިވަޑައިގަތުމުން އެކަމާ ގުޅިގެން އެ މަނިކުފާނު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ގުޅުއްވައި ކަން ހިނގި ގޮތް ސާފުކުރެއްވި ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނަށް ފާޑު ކިޔައިގެން އެސްޓީއޯގެ ރީޖަނަލް ފާމަސީތަކުގެ މެނޭޖަރު ޑީމޯޓު ކުރި ކަމަށްބުނާ މައްސަލައިގައެވެ.
ރައީސް ވިދާޅުވީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކޮންމެ މީހަކަށް ވެސް ކޮންމެ އެއްޗެއް ވެސް ބުނެވެންވާނެ ކަމަށެވެ. އަދި ހިތްހަމަ ނުޖެހޭނަމަ ބޭނުންވާ ވާހަކަ ދެއްކެންވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އެސްޓީއޯގެ ރީޖަނަލް ފާމަސީތަކުގެ މެނޭޖަރު ޑީމޯޓު ކުރީ އެމަނިކުފާނަށް ފާޑު ކިޔައިގެން ކަމަށް އޭނާއަށް ފޮނުވި ސިޓީގައި ބުނެފައި އޮތް ނަމަވެސް އެއީ ހަގީގެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެ ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށާއި އަދި ހަގީގަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށާއި ކަންކަން ސާފުކޮށްދީ، ރައްޔިތުންނަށް ހަގީގަތް އެނގެން ޖެހޭ ކަމަށެވެ.