ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ކުރާއިރު ދޮގު ވާހަކަތަކުން ދުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ ޅ. ނައިފަރު މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާތީ ހަގީގަތާއި ހިލާފު ވާހަކަތަކުން ދުރުވެ ރީތި އާދަތައް އާލާކޮށް ރީތި ކެމްޕޭނެއް ކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ދިވެހިންނަކީ މުސްލިމުން ކަމަށްވާތީ ދޮގު ހެދުމާއި ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމުން ދުރުވެ ނަފްސް އިސްލާހު ކުރުމަށް ޤުރުއާންގައިވެސް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ތަރައްގީ ގެނައުމަށް ކޮންމެ ކަމެއްވެސް ކުރިއަށް ގެންދެވިދާނެ ކަމަށާއި އެކަމަކު ގައުމަށް ހަމަޖެހުން އަންނާނީ ކޮންމެ މީހަކުވެސް ފުރަތަމަ އެމީހެއްގެ އަމިއްލަނަފްސު އިސްލާހުކޮށްގެން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަމިއްލަ ނަފްސު އިސްލާހު ކުރަން އެދޭނަމަ ރަމަޟާން މަހަކީ އެކަމަށް އެންމެ ރަނގަޅު ފުރުސަތު ކަމަށާއި ކޮންމެ މީހަކުވެސް އެ ފުރުސަތުގެބޭނުން ހެޔޮގޮތުގައި ހިފުމަށްވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު ނައިފަރަށް ވަޑައިގެން އެރަށު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ތަކުރާރުކުރައްވާ އެމަނިކުފާނުމިއަދު ވިދާޅުވީ އެކަންކަން ކުރައްވާނެ ކަމަށެވެ.
އެކަމަކީ ނައިފަރުގައި ހިއްކާފައި އޮތް ބިމުން 80 ގޯތި ދޫކޮށް 400 ހައުސިން ޔުނިޓްގެ މަޝްރޫއެއް ކުރިއަށް ގެންދެވުމާއި އަދި ނައިފަރަށް ދިމާވެފައިވާބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އެރަށު ފަޅުން 45 ހެކްޓަރުގެ ބިން އިތުރަށް ހިއްކައިދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.