މިއަދަކީ ޝައުބާން މަހުގެ 29 ވަނަ ދުވަސް ކަމަށް ވާތީ މިއަދު އިރު އޮއްސުމާ އެކު ރަމަޟާން މަހަށް ހަނދު ބެލުން އޮންނާނެ އެވެ.
މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ވާނީ ޝައުބާން މަސް ނިމި އަލަށް އުފަންވާ ރަމަޟާން މަހުގެ ހަނދު މިއަދުގެ އިރު އޮއްސުމަށް ފަހު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ފެންމަތީގައި ހުރެގެންނެވެ.
މިއަދުގެ ހަނދު ހެނދުނު 6:06 ގައި އަރައި އޮއްސޭނެ ކަމަށް ދައްކަނީ 18:26 ގަ އެވެ. މި ވަގުތަށް ބަލާއިރު މާލެއަށް މިއަދު އިރު އޮއްސޭނީ 18:20 ގަ އެވެ. އެހެންކަމުން އިރު އޮއްސުމަށް ފަހު ފެންމަތީގައި ހަނދު ހުންނާނެ އެވެ. މާނަ އަކީ އެ ހިސާބުން ރަމަޟާން މަސް އެ ފެށުނީއެވެ. ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް މިއަދު އިރު އޮއްސޭ ވަގުތުތަކަށް ބަލާއިރު ވެސް ހަނދު އޮއްސޭނެ ކަމަށް ދައްކަނީ އިރު އޮއްސުމުގެ ފަހުންނެވެ.
ރަމަޟާން މަހާއި ޝައްވާލް މަސް ފެށުމުގައި އިސްލާމީ ގިނަ ގައުމުތައް ތަބާވާ ސައޫދީ އަރަބިއްޔާ އަށް ވެސް މިއަދު އިރު އޮއްސި 13 ވަރަކަށް މިނެޓް ވަންދެން ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ދައްކަ އެވެ.
އިސްލާމީ ޝަރީއަތުގައި ދުވަސް ފެށެނީ، އިރު އޮއްސުމުން ކަމަށް ވާތީ މި ހިސާބުތަކުން އެނގެނީ، މިއަދުގެ އިރު އޮއްސުމާ ރަމަޟާން މަސް ފެށޭނެ ކަމެވެ.