މިއަދުން ފެށިގެން ފިޠުރު ޒަކާތް ދެއްކޭނެ ނިޒާމް ގާއިމް ކުރެވިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ވިދާޅުވެފައިއެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އޭޕްރީލް 6 ވަނަ ދުވަހާއި ހަމައަށް ޒަކާތްދެއްކޭނެ ކަމަށާއި އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެކަމަށެވެ. އުމުރުން ދުވަސްވީ އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްވެސްވަނީ ހަމަޖައްސަވާފައެވެ.
އެގޮތުން ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން 13:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. އަދި ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވުމުން ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. ޒަކާތު ހައުސްއިން ވިދާޅުވީ ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އެރަށެއްގެ ކައުންސިލްތަކުން ހަމަޖައްސަވާނެކަމަށެވެ.
މާލެ ސަރަޙައްދުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު
އާދައިގެ ހަނޑޫ – 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ – 70 ރުފިޔާ
ރަތް ހަނޑޫ – 80 ރުފިޔާ
ބާސްމަތީ ހަނޑޫ (އާދައިގެ) – 70 ރުފިޔާ
ބާސްމަތީ ހަނޑޫ (މޮޅު) – 100 ރުފިޔާ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) – 125 ރުފިޔާ
އާދައިގެ ފުށް – 10 ރުފިޔާ
އާޓާ ފުށް – 75 ރުފިޔާ
ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައަޅަނީ ޢާއްމުކޮށް ކާން ބޭނުންކުރި ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގުންނެވެ. ކުޅަދާނަ ވެގެންވާ ކޮންމެ މީހަކު ފިޠުރު ޒަކާތް ދެއްކުމަކީ ފަރުޟެކެވެ.