-Advertisement-

-Advertisement-

2026 ގެ އައިޓީބީ ފެއާ ރާއްޖޭން ހޯސްޓުކުރުމުގެ ވިސްނުމެއް

ޓޫރިޒަމް މިނިސްޓަރ ފައިސަލް ވާހަކަ ދައްކަނީ . ފޮޓޯ: އެޓޯލް ޓައިމްސް

މީގެ ދެ އަހަރު ފަހުން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އައިޓީބީ ބާލިން ފެއާ ރާއްޖޭން ހޯސްޓުކުރަން ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފައިފި އެވެ.

މި މަހުގެ 5-7 އަށް އައިޓީބީ ބާލިން ފެއާގައި ރާއްޖޭން ބައިވެރިވުމަށް ފަހު، އެ ކަމުގެ މައުލޫމާތުތައް ހިއްސާ ކުރައްވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމްގެ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ކަމުން، ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ހޯސްޓުކުރުމަކީ އަމާޒެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާގެ އެންމެހައި ފަރާތްތައް ގުޅިގެން 2026 ގައި އައިޓީބީ ފެއާގައި ހޯސްޓު ކަންޓްރީގެ ގޮތުގައި ރާއްޖޭން ބައިވެރިވެވޭނެ ކަމުގެ އުއްމީދު ބޮޑެވެ.

ޖަރުމަނުގައި އޮންނަ އައިޓީބީ ބާލިން ފެއާ ހޯސްޓުކުރުމުގެ ފުރުސަތު އެކި ގައުމުތަކަށް ދެ އެވެ. އެންމެ ފަހުގެ ފެއާގެ ހޯސްޓު ކޮށްފައިވަނީ އޮމާނުންނެވެ. އެ ފެއާ ހޯސްޓުކުރާ ގައުމަކަށް ފެއާ ހުޅުވުމުގެ ރަސްމިއްޔާތާއި އަދި އެހެނިހެން ހަރަކާތްތައް ހިންގުމުގެ ފުރުސަތު ލިބިގެން ދެއެވެ.

އައިޓީބީ ފެއާގައި ހޯސްޓު ގައުމެއްގެ ގޮތުގައި ރާއްޖޭން އެންމެ ފަހުން ބައިވެރިވެފައިވަނީ 2016 ވަނަ އަހަރު އެވެ.

މި ފަހަރުގެ އައިޓީބީ ބާލިން ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 107 ކުންފުންޏެއްގެ 214 މަންދޫބުން ވަނީ ބައިވެރިވެފައި އެވެ. ރާއްޖޭގެ އައިޓީބީ ސްޓޭންޑު ހަދާފައިވަނީ 500 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ. ދެ ބުރިއަށް ހަދާފައިވާ އެ ސްޓޭންޑުގައި 104 ކޯ އެގްޒިބިޓާ ކައުންޓަރާއި 60 ބީޓުބީ މީޓިން މޭޒު ބަހައްޓާފައިވާ ކަމަށް އެމްއެމްޕީއާރުސީގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

ބާލިން ފެއާ އަކީ 1966 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެއާ އެވެ. މި އަހަރުގެ ފެއާގައި ވެސް 180 ގައުމަކުން 10،000 އަށް ވުރެ ގިނަ އެގްޒިބިޓަރުން ވަނީ ބައިވެރިވެފައި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-