ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ނޫން ކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ރޭ ރައްދު ދެއްވައިފި އެވެ.
އަމީރު ރައީސަށް ފާޑުވިދާޅުވެފައިވަނީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަށް ކުރިއެރުން ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވުމުންނެވެ.
އަމީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މި އަހަރުގެ ބަޖެޓް ފާސްކޮށްފައި ވަނީ ސިވިލް ސާވިސްގެ މުސާރަ ވެސް ބޮޑުކުރާ ގޮތަށް ކަމަށާއި ޕޭ ކޮމިޝަނުން މުއައްސަސާތައް ގިންތި ކޮށްފައި ވަނީ މަގާމުގެ އެލަވަންސްތަކާއި ހާޒިރީ އިނާޔަތްތައް ކަނޑައެޅުމަށް އެކަނި ކަމަށް ވެސް އަމީރުވަނީ ވިދާޅުވެފައިއެވެ.
ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު”ގައި މިދިޔަ ހޯމަ ދުވަހު އާންމުންގެ މީހަކު ރައީސްއާ ސުވާލުކުރީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭ ގޮތުންނެވެ.
ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތައް ގިންތިކޮށްފައި އޮންނަނީ ވަރަށް ދަށް ފަންތިއެއްގައި ކަމަށާއި މައިގަނޑު މައްސަލައަކީ އެއީ ކަމަށެވެ. ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފިނޭންސް މިިނިސްޓްރީން ބޭނުންވިޔަސް މަޖިލީހުން ގިންތިކޮށްފައި އޮންނަ ގޮތުން އެކަން ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ޖުމްލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތެވެ. ދައުލަތުގެ އާމްދަނީ އިތުރުވަމުން އަންނަ މިންވަރަކުން މުސާރަތައް ބޮޑުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.