ރާއްޖޭގެ ވެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު 2028 ވަނަ އަހަރު އެނބުރި ވަޑައިގަންނަވާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެއެވެ.
“މި ރާއްޖޭގެ ވެރިކަމާ ހަވާލުވާނީ ދަ ޑިމޮކްރެޓްސް. ވެރިކަމަށް އަންނާނީ ރައީސް ނަޝީދު ﷲ އިރާދަފުޅުން،” ބޮންޑޭ
މިފަދައިން ބޮންޑޭ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ބޮންޑޭ ވިދާޅުވީ މި ސަރުކާރު މާ ހީލަތްތެރި ކަމަށާއި އަދި އިދިކޮޅުގައި އޮތް އެމްޑީޕީން ވެސް ކުރަނީ ދެއުޅިއެއް ނުވާ ކަހަލަ ކަންކަން ކަމަށާއި މި ރާއްޖޭގެ މުސްތަގުބަލަކީ ދަ ޑިމޮކްރެޓްސް ކަމަށެވެ. އަދި 2028 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވާނީ ޑިމޮކްރެޓްސް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. ނަމަވެސް މި ރިޔާސީ އިންތިހާބުގެ ތެރެއިން ނާކާމިޔާބު ވުމާ ގުޅިގެން ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ މަސައްކަތުން އަހަރުތަކަކަށް ދުރަށް ވަޑައިގަތުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވާފައެވެ.