ދިޔަވަރު ނޫހާ ގުޅުމެއް ނޯންނާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރުގެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝަނީފު ދެއްކެވި ވާހަކައަށް ރައްދުދެއްވައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީން ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލަށް ބަހުސް ކުރައްވައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު ދެ ވަނަ ފަހަރަށް ފާސް ކުރިއިރު އޭނާ މަޖިލީހަށް ވަޑައިނުގަތީ ރިޝްވަތު ނަގައިގެން ކަމަށް ބުނެ ޝާހިދު އިސްވެ ހުންނަވައި ދޮގު ހަދަމުންދާ ކަމަށާއި، އެދޮގު ވާހަކަތައް ދައްކަމުންދަނީ، ޝާހިދު އުފައްދައިގެން އުޅޭ ނޫހެއްގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މިއުވާން މުހައްމަދު ލިޔެގެން ކަމަށް ސަނީފް ވިދާޅުވިއެވެ.
ސަނީފްގެ އެ ވާހަކަތަކަށް ރައްދުދެއްވައި ޝާހިދު ވިދާޅުވެފައިވަނީ ސަނީފު ދެއްކެވި ވާހަކައިގައި އޮންލައިންކޮށް ލިޔާ ދިޔަވަރު ކިޔާ ނޫހަކާއި އޭނާއާ ގުޅުމެއްވާ ނޫހެއް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ދޮގުވާހަކަތަކެއް ކަމަށާއި މަޖިލީހުގެ އިމްތިޔާޒް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގުހެދުމާއި މީސްމީހުންގެ އަބުރަށް އަރަގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްޓެހި، ފިނޑި ކަމެއް ކަމަށެވެ.