ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާފައިވާ އީއައިއޭ ރިޕޯޓާ ހިލާފަށް ޅ. ހިންނަވަރު މަގު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔަ މައްސަލާގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
އީޕީއޭގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހިންނަވަރުގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމް ގާއިމް ކުރުމަށް އީޕީއޭއިން ފާސް ކޮށްފައިވާ އީއައިއޭގައިވާ ކޮންސެޕްޓްގައި ނުހިމެނޭ މަގުތަކެއްގެ މަސައްކަތްވަނީ ކޮށްފައިއެވެ.
އެ މައްސަލަ ބެލުމަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި އީޕީއޭ ދެމެދު ބަދަލު ކުރެވުނު މައުލޫމާތުތަކުން ހިންނަވަރުގައި އީއައިއޭ އާ ހިލާފަށް އިތުރު މަގުތައް ހިދާފައިވާ ކަން އެ އެޖެންސީ އަށް ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އީޕީއޭގެ ފަރާތުން ވަނީ މައުލޫމާތު ލިބިފައިއެވެ.
އެ މަސައްކަތް އާރްޑީސީއާ ހަވާލު ކޮށްފައިވާ ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ކަމަށްވާތީ އެ މިނިސްޓްރީ ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން އިއްޔެ ނިންމާފައިވާ ކަމަށާއި ކުރިޔަށް އޮތް 30 ދުވަސް ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.