ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ސިފައިންގެ ހިދުމަތުން އަންނަ މަހު ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.
ސިފައިންގެ ޔުނިފޯމް ބޮޑީގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ދުރަށް ވަޑައިގަންނަވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އުމުރުން 60 އަހަރު ވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެހެންކަމުން، އެބޭފުޅާ ޝަރަފުވެރިކަމާ އެކު މަގާމުން ދުރަށް ވަޑައިގަންނަވާނެ ކަން އެ ތަނުގެ އެންމެ އިސްވެރިންނަށް ވަނީ އަންގަވައިފަ އެވެ.
ސިފައިންގެ ގާނޫނު ބުނާގޮތުން، އެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ. އެ ގާނޫނަށް ބަދަލެއް ނުގެންނަ ނަމަ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އަބްދުއްރަހީމަށް ދެން ދެމިހުންނެވޭނީ 34 ދުވަސް ވަންދެންނެވެ.
ކުރީގެ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް، ސިފައިންގެ ޗީފަކަށް އޭނާ އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހެވެ.
މިބޭފުޅާ ވަނީ ސިފައިންގެ ހިދުމަތުގައި 37 އަހަރު ހޭދަ ކުރައްވާފައިއެވެ.