ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ނުވަތަ “ވާނުވާ” ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލުކުރުމަށް ގާނޫނީ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެމަނިކުފާނު ކުރިއަށް ގެންދަވާ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި މ. މުލަކު، އޯޝަންލެޑް، ނަޝީދާ ހަސަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަޝީދާގެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ވާނުވާގެ މައްސަލަ ހައްލުކުރުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް ތި މައްސަލަ އަށް ގެނެވޭނެ ގޮތްތަކެއް ކުރަމުން މިގެންދަނީ،” ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ފުލުހުންގެ ތަހުގީގު މަރުހަލާގައި ކަންކަން އިސްލާހުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ. މިހާރު ކުރެވޭ މަސައްކަތްތަކާ އެކު ވާނުވާގެ މައްސަލަ ރަނގަޅު ދާއިމީ ހައްލެއް ގެނެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކުރާ އަމުރުތައް ގާނޫނީ ދާއިރާގެ ބޭފުޅުންނާއި އާންމުންގެ މެދުގައި މަޝްހޫރު ވެފައި އޮންނާނީ “ވާނުވާ” ގޮތުގައެވެ. އެއީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާ މީހުންގެ ޝަރީއަތް ނިމޭނެ ވަކި ދުވަހެއް އެއްވެސް މީހަކަށް ބުނަން ނޭނގޭތީ ބޭނުންކުރާ ބަހެކެވެ.