ބްލެކް މާކެޓުގައި ޑޮލަރު ވިއްކަމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ މި މައްސަލައާއި ގުޅިގެން 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި ބިދޭސީން ހައްޔަރުކޮށްފައިވަނީ, މ. ސްޓާކްލައުޑްސް އިމާރާތުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ޑޮލަރު ގަނެ ވިއްކުމުގައި އުޅެނިކޮށްކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ހުރިހާ ބިދޭސީންނަކީ ވެސް ފުޅާ ދާއިރާއެއްގައި ގަވައިދާ ހިލާފަށް ބްލެކް މާކެޓުގައި ޑޮލަރުގެ ވިޔަފާރިކުރަމުން އަންނަ ބިދޭސީންކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ވަނީ, މި ސަރުކާރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ހިންގައި ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު, ގިނަ އަދަދެއްގެ ބިދޭސީން ފުރުވާލަމުން ގެންދާކަން ފާހަގަކޮށްފައެވެ.
މިފަދަ ބިދޭސީން އަތުލައި ގަންނަމުން ދަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި, މިނިސްޓްރީ އޮފް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ގެންގުޅުއްވާ ސިޔާސަތާއި އެއްގޮތަށް, މޯލްޑިވްސް އިމިގްރޭޝަނުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުންނެވެ.