ކާބޯތަކެތި ހިފައިގެން އައި ސައިޕްރަސްގެ ބޯޓުން ޣައްޒާ އިރުމަތީ މެޑިޓަރޭނިއަން ކަނޑުގައި ބަދަރުކޮށް މުދާ ބާލަން ފަށައިފިއެވެ.
7 އޮކްޓޯބަރ އިން ފެށިގެން އިސްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ބައެއް ޝަހީދުވެ އެތައް މިލިއަން ބައެއް ހާލުގައި ޖެހިފައިވެއެވެ. ޣައްޒާ ކާބޯތަކެތި ނުލިބި އެތައް ބައެއް ދަނީ ބަނޑަށް މަރުވަމުންނެވެ.
200 ޓަނުގެ ކާބޯތަކެއްޗާއެ އެކު ޣައްޒާ އިރުމަތީ މެޑިޓަރޭނިއަން ކަނޑުގައި މިހާރު އޮތް “އޯޕަންއާމްސް” ނަމަކަށް ކިޔާ ބޯޓު ދަނީ މުދާ އުފުލާ ކުޑަ ބޯޓް ތަކުގެ އެހީގައި މުދާ ބާލަމުންނެވެ.
އެއްގަމު މަގުން ޣައްޒާ އެހީ ދޭ ފަރާތްތަކުން ދެމުންދާ އެހީތައް ޣައްޒާ ރައްޔިތުނަށް ފޯރުކޮއްދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައިއެވެ. ބޯޑަރު ތަކުގައި އިސްރޭލުގެ ސިފައިންދަނީ ފޯރި މަރަމުންނެވެ. އަދި ވަކި އަދަދަކަށްމެނިވީ އެހީ އެތެރެ ކުރުމުގެ ހުއްދަ އިސްރާއީލުގެ ސިފައިން ނުދެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ވަގުތީ ބަދަރެއް ޣައްޒާ އިރުމަތީ މެޑިޓަރޭނިއަން ކަނޑުގައި ހަދައި އެހީ ފޯރުކޮއްދޭނެކަމަށް އެމެރިކާގެ ގާނޫން ހަދާ މަޖިލީހުގައި ތަގްރީރު ކުރައްވަމުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިއެވެ. އެމެރިކާގެ ދިފާއީ މައި އިދާރަ ޕެންޓަގަން އިން ބުނެފައިވަނީ މި ވަގުތީ ބަދަރު ހެދުމަށް 2 މަސް ދުވަސް ނަގާނެ ކަމަށެވެ.
އޯޕަންއާމްސް ބޯޓިން ގެނައި 200 ޓަނުގެ ކާބޯތައްޗަކީ މިހާރުން މިހާރަށްވެސް ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކާބޯތައްޗެވެ.