ކޯސްޓް ގާޑުގެ ހާލަތު މިހާރު ހުރީ ވަރަށް ދަށުގައި ކަމަށާއި، ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެ ގުނަ ކުރާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ވައިގެ ބާރު، އިފްތިތާހު ކުރުމަށް ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޯސްޓް ގާޑުގެ ބޭނުމަށް ދުއްވާ ކުދި 10 ވަރަކަށް އުޅަނދު އޮތް އިރު ބައެއް ތަކެތި ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ.
“މިއީ ހިތާމަ ހުރި ކަމެއް. އެތައް އަހަރެއް މި ދިޔައީ މި ކަންކަމަށް ސަމާލުކަން ނުދެވި، އެހެން ނަމަވެސް މިއީ ދިވެހި އަސްކަރިއްޔާ. މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެ ކަމެއް ނޫން. ދިވެހިންނަށް ހައްގު މިންވަރެއް ނޫން،” ރައީސް
މީގެއިތުރުން ރައީސް ވިދާޅުވީ އެމްއެންޑީއެފްގައި ރޭ ތައާރަފުކުރި އެމްއެންޑީއެފް އެއާ ކޮޕްސްއާ އެކު، ވައިގެ ސިފައިންގެ ބޭނުމަށް އިތުރު އުޅަނދުތައް ހޯދުމުގެ އިތުރުން ކަނޑާއި އެއްގަމުގެ އުޅަނދުތައް ވެސް ކުރިމަގުގައި އިތުރުވާނެ ކަމަށެވެ.
“މީގެ ބޭނުމަކީ އަޅުގަނޑުމެންނަކީ ފަހުރުވެރި، އަޅުގަނޑުމެންގެ ގައުމަކީ ފަހުރުވެރި ދިވެހި ގައުމެއްކަން އަމިއްލަ އަށް އިހުސާސްވުން. އެއީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ވެސް ހައްގަކަށް ވާތީ. އެކަން ކުރުމަކީ އަޅުގަނޑުގެ އެންމެ މަތީ ޒިންމާކަން އަޅުގަނޑު ގަބޫލުކުރަން،” ރައީސް
ރައީސް ވަނީ ރާއްޖެ ހިމެނޭ މި ބޮޑު ސަރަހައްދަކީ ދިވެހިންގެ ދަރިންނާއި ދަރިންގެ ދަރީންގެ މުސްތަގްބަލް އުޖާލާ ކުރުމައްޓަކައި ލިބިފައިވާ ބޮޑު ނިއުމަތެއް ކަމަށް ވިދާޅުވެފައެވެ. މި ސަރަހައްދުން ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމައްޓަކައި ކުރެވިދާނެ އެތައް ކަމެއް އެބަ ހުރިކަން އެންމެން ގަބޫލު ކުރަންޖެހޭ ކަމެއް ކަމަށާ މި ސަރަހައްދު ބެލެހެއްޓުމަކީ އެންމެން ކުރާ ކަމަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.