ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ، ސޯޝަލް މީޑިއާ މެދުވެރިކޮށް ޑައުންލޯޑް ކުރާ ބަޔެއްގެ މައުލޫމާތު، އެފަދަ ކަންކަން މޮނިޓާކޮށް ބަލަހައްޓާ ބޭރުގެ ގާނޫނު ތަންފީޒުކުރާ އޭޖެންސީތަކުގެ ފަރާތުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ސޮފްވަތު ރައޫފް ވިދާޅުވީ އެ ލިސްޓު ދިވެހި ފުލުހުންނާ ހިއްސާކޮށްފައި ވަނީ އެފަދަ ކަންކަން ބަލައި މޮނިޓާ ކުރާ ބޭރުގެ އޭޖެންސީތަކުން ކަމަށެވެ.
“ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ވީޑިއޯ ސޯޝަލް މީޑީއާގެ އެކި ވަސީލަތްތަކުން ޑައުންލޯޑު ކުރާ ފަރާތްތަކުގެ މައުލޫމާތު އެފަދަ ކަންކަން މޮނިޓާކޮށް ބަލަހައްޓާ ބޭރުގެ ލޯ އެންފޯސްމެންޓު އޭޖެންސީތަކުގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާ ކުރުމާ ގުޅިގެން އަޅުގަނޑުމެން މިހާރު ވާނީ މައްސަލައިގެ ތަހުގީގު ފަށައިފަ،” ސޮފްވަތު
އޭނާ ވިދާޅުވީ އެ ފޮޓޯތަކާއި ވީޑިއޯތަކުގައި ދެ އަހަރު ކަމަށް ބެލެވޭ ކުދިން ވެސް ހިމެނޭ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހެއް ކަމަށް ސޮފްވަތު ވިދާޅުވި ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.
ބަރަހަނާ މަންޒަރުތަކާ ގުޅޭ ވީޑިއޯ ފޯޓޮއާއި އެފަދަ ތަކެތި ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރުން ފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން ދިވެހި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސްް އޭނާ ވިދާޅުވިއެވެ.