-Advertisement-

-Advertisement-

ތިން މަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަ ލައްކައަށް

ފަތުރުވެރިންތަކެއް ހުއްޓިލައިގެން --

ނިމުނު މާޗް މަހުގެ ނިޔަލަށް ރާއްޖެއަށް 6 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިހައިތަނަށް އަހަރެއްގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. އެގޮތުން މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ތިންމަސް ދުވަސްތެރޭ ރާއްޖެއަށް 604،004 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 523،928 ފަތުރުވެރިންނާ އަޅާ ބަލާއިރު 15.3 އިންސައްތަ އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓަރީން އިއްޔެ އާންމުކުރި ފަތުރުވެރިންގެ އަދާހަމައިން ފެންނަ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މި އަހަރުގެ މިހައިތަނަށް ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި ރަޝިޔާ އޮތްއިރު، ތިން ވަނައިގައި އޮތީ ޔޫކޭ އެވެ. މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 11.2 އިންސައްތަ ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ. އެއީ 67،399 ފަތުރުވެރިންނެވެ.

ކޮވިޑުގެ މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި، އިންޑިއާ އޮތީ އެ ލިސްޓުގެ ހަވަނައިގަ އެވެ. އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔައީ މިދިޔަ ޖެނުއަރީ މަހު ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކޮށް އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން ރާއްޖެ ބޮއިކޮޓު ކުރުމަށް އެގައުމުގައި ހިންގި ކެމްޕޭނަށް ފަހެވެ.

ސަރުކާރުން ވަނީ މި އަހަރު 2 މިލިއަން ފަތުުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-