މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ސަރުކާރުން ސިލްސިލާކޮށް ކުރިއަށްގެންދާ ‘ރައީސްގެ ޖަވާބު’ ޕްރޮގްރާމްގައި މާލެ ސިޓީ، މ.މެޑަލްމާގޭ، އިސްމާއިލް ނިޔާޒް، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން އިސްމާއިލް ނިޔާޒް ވަނީ ރިޔާސީ އިންތިހާބު ދުވަސްވަރު އެމަނިކުފާނު ވެވަޑައިގަތް ވައުދުތަކުގެ ތެރެއިން 5 އަހަރުގެ ދައުރުގައި ކިހާ ވައުދެއް ފުއްދޭނެތޯސުވާލުކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވައުދު ވެވަޑައިގެންނެވީ ފުއްދޭނެ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށާއި ހަފްތާ 14 އަށް ކަނޑައެޅި ވައުދުފުޅު ތަކުންވެސް ހުރިހާ ވައުދެއް ކަހަލަ ގޮތަކަށް މިހާރު ފުއްދިފައިވާ ކަމަށެވެ. އެ ވައުދުތަކުންވެސް ނުފުއްދި ހުރީ މަޖިލީހުގެ ދައުރާއެކު ފުއްދަންޖެހޭ ވައުދުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން ތާއީދާ އެކު ރައްޔިތުންގެ މަޖިލިސް ލިބިއްޖެ ނަމަ، ގާނޫނުތައް ފާސްކުރުމާއި ބަޖެޓް ފާސްކުރުން ފަދަ ކަންކަމުގައި ސަރުކާރުން ދާން ބޭނުންވާ ބާރު ސްޕީޑުގައި ދިއުމުގައި ވަރަށް ބޮަޑަށް ފަށޭހެ މަގު ފަހިވެގެންދާނެ ކަމަށެެވެ.
ރައްްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ދެއްްވުމުގެ ބާރާއި އެ ދައުރު މި އޮތީ ރައްޔިތުންގެ އަތްޕުޅުގައި. އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް މި އޮތް (މަޖިލިސް) އިންތިހާބުގައި ރައްޔިތުން އެގޮތަށް ހަމަޖައްސައިދެއްވާނެ ކަމަށް،–ރައީސް މުއިއްޒު
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވައުދުތަކުގެ އެންމެ ބޮޑު އިންސައްތައެއް ކަވަރުކުރުނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދޭ ބަޖެޓުން ކަމުގައިވާއިރު މިއަހަރު ކުރިއަށް ގެންދިއުމަށް މިސަރުކާރުން ކަނޑައަޅައި ބަޖެޓްގައި ހިމެނުމަށް މަޖިލީހަށް ފޮނުވުމުން މަޖިލީހުން ބަޖެޓް ފާސްކުރީ އޭގެ ތެރެއިން ބޮޑު ބައެއް އުނިކޮށްފައި ކަަމަށެވެ.