ހިސާބުތަކުން މާދަމާ ޝައްވާލް މަހުގެ ހަނދު ރާއްޖެއަށް ފެނުމަކީ ނާދިރު ކަމެއް ކަމަށް ދައްކައިފިއެވެ.
މާދަމާ އަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމުން ހަނދު ބަލާ ހަނދު ފެނިއްޖެ ނަމަ ރަމަޟާން މަސް އެ ހިސާބުން ނިމި އަނެއް ދުވަހަކީ ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަމަށް ބަލާ ފިތުރު އީދު ދުވަހަށް ވާނެއެވެ.
ނަމަވެސް ހަނދު ނުފެނިއްޖެނަމަ އެ ހިނގާ މަހުން 30 ދުވަސް ހަމަކުރުމަށް ފަހު ނޫނީ އަނެއް މަސް ނުފަށާނެއެވެ. މިރޭ ރާއްޖޭ ގަޑިން ރޭގަނޑު 11:20 ގައި އާ ހަނދު އުފަންވެ އެވެ. މާލެއަށް މި ހަނދު ފަތިހު 5:30 ގައި އަރައި، އިރު އޮއްސުމުގެ 19 މިނެޓް ކުރިން ހަވީރު 5:57 ގައި އޮއްސޭނެ ކަމަށް ދައްކަ އެވެ. ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނަށް ހަނދު އޮއްސޭނީ ހަވީރު 6:00 ގަ އެވެ. އެންމެ ދެކުނު އައްޑޫ ގަމަށް 5:56 ގައި ހަނދު އޮއްސޭނެ އެވެ.
ރާއްޖެއާ އެއް ދުވަހެއްގައި ރޯދަ މަސް ފެށި ސައޫދީ އަރަބިއްޔާގެ މައްކާ އަށް ހަނދު އޮއްސޭނެ ކަމަށް ދައްކަނީ ހަވީރު 6:26 ގަ އެވެ. އެއީ އެތަނަށް އިރު އޮއްސުމުގެ 11 ވަރަކަށް މިނެޓް ކުރިންނެވެ. އެހެންވެ މައްކާއަށް ވެސް، މާދަމާ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ނުދައްކައެވެ.
އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ ހުޅަނގުގައި އޮންނަ މޮރޮކޯ އަށް ވެސް މާދަމާ އިރު އޮއްސުމުގެ ތިން މިނެޓެއްހާއިރު ކުރިން ހަނދު އޮއްސެއެވެ.
އެހެންކަމުން ހިސާބު ތަކުން ދައްކަނީ ފިތުރު އީދު ދުވަހުގެ ފުރތަމަ ދުވަހަށް ވާނީ މި މަހުގ ެ10 ވާ ބުދަ ދުވަސް ކަމަށެވެ.