ކުށުގެ ވެށީގައި ތިބި ކުދިން ރިހިބިލިޓޭޓް ކުރުމަށް ސަރުކާރުން ގާއިމްކުރަން ނިންމާފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުން ކުރި އިއުލާންތަކުގައި ވަނީ އެސިސްޓެންޓް ކައުންސެލަރާއި ޕްރޮގްރާމް އޮފިސަރު އަދި ސީނިއާ ޖުވެނަލް ޖަސްޓިސް އޮފިސަރުގެ އިތުރުން މަސައްކަތު މީހުންނާއި ޗައިލްޑް ކެއާ އެޓެންޑުން ހޯދަން ހުޅުވާލައިފަ އެވެ.
އެ މަގާމުތަކަށް މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކުރިމަތިލެވޭނެ އެވެ.
ކުށުގެ ވެށީގައި އުޅޭ ކުދިންނާއި ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކުދިން މަރުކަޒުކޮށް ފަރުވާދޭން ޖެހޭނެ ކަމަށް ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެތަނުގައި ވަކި ވަރެއް ވަންދެން ރިހިބިލިޓޭޓް ކުރުމަށް ފަހު ހާފްވޭ ހައުސްއަކަށް ގެންދަން ޖެހެއެވެ. ނަމަވެސް ދ. ކުޑަހުވަދޫގައި ހުރި ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު އަދި ހއ. ހޯރަފުށީގައި ހާފްވޭ ހައުސްގެ މަސައްކަތް ނިމިފައިނުވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކުށުގައި ބައިވެރިވާ ކުޑަކުދިން މަދުކުރަން ސޯޝަލް ސެކްޓާއިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރެސިޑެންޝަލް ފަރުވާއަށް ފަހު އެ ކުދިން ބަދަލުކުރަން ޖެހޭނީ ހާފްވޭ ހައުސްއަށެވެ. ފުރަތަމަ މަރުހަލާ ފުރިހަމަ ނުކޮށް، އެ ނިޒާމުގައި ދެ ވަނަ ސްޓެޕް އަކަށް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ސަރުކާރުގެ ބެލުމުގެ ދަށަށް ނެގުމަށްފަހު ލޯންގް ޓާމް ރެސިޑެންޝަން ކެއާ ފެސިލިޓީގައި ކުއްޖާ 18 އަހަރު ވަންދެން ބަލާނެ ކަމަށާއި، ސެންޓަރަށް ގެންގޮސްފައި ކުރެވޭނެ ކަންކަމަކީ ތައުލީމު ދިނުމާއި އަހްލާގީ ގޮތުން ދޭންޖެހޭ ފަރުވާ ދިނުމާއި ސްކިލް ޑިވެލޮކްކުރުމާއި ސައިކޯ ސޯޝިއަލް އިންޓަވެންޝަން ޕްރޮގްރާމެއް ދިނުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.