މަސްލަހަތު އެއްކޮށް ގެއްލި އެ ނޫން ގޮތެއް ނެތިގެން ނޫނީ އެސްއޯ ފުލުހުން ފޮނުވައިގެން ދެން މީހުން ހައްޔަރުކޮށް ނުހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދުމުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައިވާ ރައްޔިތުންގެ މަޖިލީހަށް ކެމްޕޭން ކުރުމަށް ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދާދި ފަހުން ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފްއާއި އެމަނިކުފާނު ބައްދަލު ކުރެއްވި ކަމަށެވެ.
ބޭނުންވަނީ ގައުމަށް ހަމަޖެހުން ގެންނަން ކަމަށާއި އަދި ފުލުހުންނާ ސިފައިންގެ މައްޗަށް މީގެ ކުރިން ސިޔާސީ ނުފޫޒު ހިނގާފައިވީ ނަމަވެސް ދެން އެކަންއެގޮތަށް ނުހިނގާނެ ކަމަށް އެބޭފުޅުންނަށް ދެންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހަމަ އެެހެންމެ އެފަދަ ކަމެއް ކުރުމުގެ ފުރުސަތެއް ވެސް ނުދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުރިންހެން، އެސްއޯ ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް އަދި ހައްޔަރުކުރުމުގެ މުއައްސަސާއެއްގެ ގޮތަށް ލޭބަލްވެފައި އޮންނަންބޭނުންނުވާ ކަމަށެވެ.