ހދ. ކުޅުދުއްފުށީގައި މި ރޯދަމަހު ކަރަންޓުގެ މައްސަލަ ބޮޑުވުމުން މި މަހު އެ ރަށުގެ ހުރިހާ ކަރަންޓު ބިލަކުން 50 ޕަސެންޓްގެ ޑިސްކައުންޓް ދޭން ފެނަކަކޯޕަރޭޝަނުން ނިންމައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި މި ރޯދަމަހު ގިނަގޮންޖެހުންތަކެއް އާންމުންނަށް ކުރިމަތިވުމުން އެ ކުންފުނިން އެކަމަށް މާފަށް އެދޭ ކަމަށާއި ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭމަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެ ކުންފުނީގެ ފަރާތުން ބުނެފައިވަނީ މިހާރު ވެސް 800 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންދެވި އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެ މަސައްކަތް ނިމުމުން މި މައްސަލަ އަށް ވަގުތީ ހައްލެއް ލިބޭނެ އެވެ.
މި ރޯދަމަހު ކަރަންޓުގެ ހިދުމަތް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން އާންމުން އުފުލަން ޖެހުނު ތަކުލީފުތަކަކީ އެ ކުންފުނިން ކަންބޮޑުވެ، ހިތާމަކުރާ ކަމަކަށްވާތީ، އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން މި މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިބުންޏެވެ.
އެ ކުންފުނިން ބުނީ މިދިޔަ ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުން ދާ މައްސަލަތަކަށް ހައްލެއްހޯދުމަށް އެ ކުންފުނިން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ރަށުގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ބޭނުންވަނީ 1.2 މެގަވޮޓުގެ ޖަނަރޭޓަރެއް ކަމަށާއި އެ ގަތުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށްފެނަކަ އިން ކުރިން ބުނެފައިވެ އެވެ.