ފިތުރު އީދު ފާހަގަކުރުމަށްޓަކައި މާލެ ސަރަހައްދާއި ރާއްޖޭގެ ބައެއް ރަށްތައް ކުލަބޮކިތަކުން ދިއްލުމަށް ލައިޓްތައް ގެންނަން ސަރުކާރުން 50 މިލިއަންރުފިޔާ ހަރަދުކުރި ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ އީދަށްރާއްޖެ ޒީނަތްތެރިކުރުމުގެ ނަމުގައި އިސްލާމީވަންތަ ލައިޓުތަކެއް ގެނެސް އެ ހަރުކޮށްގެން، ފޮޓޯތަކެއް ދައްކައިގެން އެކަމަށް ހަރަދުކުރި 50 މިލިއަން ރުފިޔާސަރުކާރުން އޮޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން އީސަ ވިދާޅުވީ މިއީ ވަރަށް ކޮލިޓީ ދަށްކޮށް ހަދައިގެން ގެނައި ލައިޓުތަކެއް ކަމަށާއި މި ފައިސާ ހަރަދުކުރީ ބަޖެޓު ވެސް ނުކޮށް ކަމަށެވެ.
އަދި ހަމަ އެހެންމެ ލައިޓުތައް ގަންނަން ހަރަދުކުރި ފައިސާ އިން ބައެއް ރައީސް އޮފީހުގެ މިނިސްޓަރަކު ނަގައިގެން މަޖިލިސް އިންތިހާބަށް ހަރަދުކުރަމުންދާކަމަށާއި މި ސަރުކާރުގެ ކޮރަޕްޝަންގެ ކަންކަން ހައްދުފަހަނައަޅާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.