އިރާނުން ކޮންމެފަދަ ހަމަލާއެއް އިޒުރޭލަށް ދިން ނަމަވެސް ރައްދު ހަމަލާތަކަށް މުޅިން ތައްޔާރު ކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ވިދާޅުވެއްޖެއެވެ.
ގަލަންޓް މިފަދައިން ވިދާޅުވީ ސީރިއާގެ ވެރިރަށް ދިމިޝްގައި ހުންނަ އީރާންގެ އެމްބަސީގެ އިމާރާތަކަށް އޭޕްރީލް އެކެއްގައި އިޒުރޭލުން ދިން ހަމަލާތަކާ ގުޅިގެންނެވެ. އެގޮތުން ގަލަންޓް ވިދާޅުވި ގޮތުގައި އިޒުރޭލު އޮތީ އީރާނަށް ދޫކުރާ ގޮތަކަށް ނޫނެވެ.
ނަމަވެސް އިޒުރޭލުގެ ކިބައިން ބަދަލު ނުހިފައި ދޫކޮށް ނުލާނެ ކަމަށް އީރާނުން ބުނެ އިއުލާންކުރުމާ ގުޅިގެންވެސް ޒަޔަނިސްޓް ވެރިންގެ ހިތްތަކަށް ވަނީ ބިރުވެރިކަން ވަދެފަ އެވެ.
އިރާނުން ބުނީ އިޒުރޭލަށް ހަމަލާދޭނީ ކުރިއާލާ ބުނެފައި ނޫން ކަމަށާއި އެންމެ އެކަށީގެންވާ ދަނޑިވަޅުގައި ކުދި ވިކުން ވިކައި ޒަޔަނިސްޓުން ރޮއްވާލާނެ ކަމަށެވެ. އީރާންގެ އެމްބަސީއަށް އިޒްރޭލުން ދިން ހަމަލާގައި އިރާންގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ހަތް މެމްބަރަކު ވަނީ މަރާލާފަ އެވެ. މީގެތެރޭގައި ވަރަށް އިސް ދެ ޖެނެރަލުން ވެސް ހިމެނެ އެވެ.
އިޒުރޭލުގެ މި ހަމަލާއާ ގުޅިގެން އެމެރިކާ، ސައޫދީ އަރަބިއްޔާ، ރަޝިއާ އަދި ދުނިޔޭގެ ގަދަބާރުތަކުން ވަނީ އިޒުރޭލަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި އިޒުރޭލާ އެންމެ ގާތް އެމެރިކާ ވެސް ބުނީ ޑިޕްލޮމެޓިކް ފައުޖުތަކަށް ގައުމުތަކުގެ ސަފީރުން ބޭނުންކުރާ އިމާރާތްތަކަށް ހަމަލާދިނުމަކީ އެއްގޮތަކަށް ވެސް ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ.