-Advertisement-

-Advertisement-

ކްލަބް ބޮއްކުރާގެ އީދު ހަރަކާތްތަކުން ގައްދޫ އަށް އުފާވެރިކަން

ފިތުރު ޢީދު ދުވަހާއި ގުޅިގެން ގދ. ގައްދޫ ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން

އީދު ހަރަކާތްތައް ކުލަގަދަކޮށް ފާހަގަކުރުމަކީ އަޅުގަނޑުމެން ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ހިނގަމުން އަންނަ އާދައެކެވެ. އާބާދީގެ މިންވަރަށް ބެލުމެއްނެތި ކުދިބޮޑު އެންމެން ނިކުންނަނީ އީދުގެ އުފާވެރި ރޫހުގައި ހިތްތައް އުފާކޮށްލައި، ދޭދޭ ގުޅުންތައް އާރާސްތު ކުރުމުގެ ނިޔަތުގައެވެ. ގިނަފަރު މިފަދަ ހަރަކާތްތައް ބޭއްވިގެން އަންނަނީ ރަށުގެ ޒުވާނުންގެ އެއްބާރުލުން ލިބިގެންނެވެ. އަދި މިފަދަ ހަރަކާތްތައް ރަށެއްގައި ބޭއްވިގެންދަނީ ވަރަށް ގިނަ ފަރާތްތަކުގެ ނުހަނު ގިނަގުނަ މަސައްކަތުންކަމެވެ. މިގޮތުން މި ލިޔުމުގައި ފާހަގަ މިކޮށްލަނީ މިފަދަ ނަމޫނާ އެއް، މިފިތުރު އީދުގައި ދައްކުވައިދީފައިވާ އެއް ޖަމިއްޔާ ކަމަށްވާ ފުޓްބޯޅަ ކްލަބް ބޮއްކުރާ، އާންމު ނަމުން ނަމަ، އެފް.ސީ ބޮއްކުރާއަށެވެ.

އެފް.ސީ ބޮއްކުރާ އަކީ އުމުރުގެ ގޮތުން ހަނގު ޖަމިއްޔާއަކަށް ވީނަމަސް މި ނަމަކީ ގައްދޫގެ އިޖްތިމާއީ ހަރަކާތްތަކުގައި އައު ނަމެއްނޫނެވެ. 2009އިން ފެށިގެން ގައްދޫގެ ކުރިއެރުމާއި ތަރައްޤީގެ ހަރަކާތްތަކާއި، ކުޅިވަރުގެ ހަރަކާތްތަކުގައިވެސް މިޓީމް އޮންނަނީ އެންމެ ކުރީ ސަފުގައެވެ. 1445ވަނަ އަހަރުގެ ފިތުރު އީދާއި ދުނިޔޭގެ ޞިއްޙަތު ދުވަސް ގައްދޫގައި ފާހަގަކުރުމަށް އެފް.ސީ ބޮއްކުރާ އާއި ގައްދޫ ހެލްތް ސެންޓަރ ރެކްރިއޭޝަން ކްލަބް (ޖީ.އެޗް.ސީ ރެކްރިއޭޝަން ކްލަބް) އިން ކުރިއަށްގެންގޮސްފައިވަނީ ނުހަނު ފުރުހަމަ ހަރަކާތްތަކެވެ.

ފިތުރު ޢީދު ދުވަހާއި ގުޅިގެން ގދ. ގައްދޫ ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން

އޭގެތެރޭގައި އީދުގެ 3 ދުވަހަށް ބަހާލައިގެން ހުރިހާ އުމުރަކަށް ވަނީ ވަރަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްދެވިފައެވެ. އީދު މަޅިޖެހުން، ފައިގަތަޅާ މުބާރާތް، ބަށި މުބާރާތް، ވާދެމުން، އޮބްސްޓެކްލް ރޭސް، ކަރޯކޭ މުބާރާތް، ޓްރެޝަރ ހަންޓް، އަދި އީދު ކޮޑިޖެހުން، މީގެ އިތުރުން މިފަދަ ތަފާތު ކުޅިވަރުތައް ވަނީ ކުޑަކުދިއްނާއި، ޒުވާނުންނަށް އަދި މެދު އުމުރުފުރައާއި އިސްރަށްވެހިންނަށް ވެސް ހުޅުވާލެވިގެން ކުރިއަށް ގެންދެވިފައެވެ. އީދުގައި ގައްދޫގައި ބޭއްވުނު ހުރިހާ ކުޅިވަރުތަކަށްވެސް ވަނީ ވަރަށް ރަނގަޅު އެއްބާރުލުމެއް އެރަށުގެ ރައްޔިތުންގެ ފަރާޓުން ލިބިފައެވެ.

އެފް.ސީ ބޮއްކުރާގެ މުއައްސިން، އަލީ މުއައްވަޒު މި ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި މި ކްލަބަކީ މިރަށުގެ ދެކުނު އަވަށުގެ ފިކުރެވެ. ރަށުގެ ތަރައްޤީ އާއި ލާބައަށް ކުރެވޭނެ ހުރިހާ ކަމެއްގައި މިކްލަބްގެ ހުރިހާ މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ރަށުގެ ހުރިހާ މުއައްސަސާތަކަށް ވެސް ލިބިގެންދާނެއެވެ. ކުރިއަށް ހުރި ހަރަކާތްތަކާއި ބެހޭ ސުވާލަށް ޖަވާބު ދެއްވަމުން މުއައްވަޒު ވިދާޅުވީ، އެފް.ސީ ބޮއްކުރާގެ ވަރަށް ގިނަ އިވެންޓްތައް މިއަހަރަށް ތާވަލުކުރެވިފައިވާ ކަމަށާއި ގައްދޫގެ އިތުރުން މާލޭގައި ދިރިއުޅޭ ގައްދޫގެ ރައްޔިތުން ހިމެނޭހެން، ހާއްސަ އެކްޓިވިޓީ ކަލަންޑަރެއް ތައްޔާރުކޮށް، ކުރިއަށް އޮތް 1 މަސް ދުވަހުގެ ތެރޭގައި އިޢްލާން ކުރެވިގެންދާނެކަމަށެވެ.

ފިތުރު ޢީދު ދުވަހާއި ގުޅިގެން ގދ. ގައްދޫ ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން

މިހާރު ކުރިއަށްދާ އީދުގެ ހަރަކާތްތަކާއި ބެހޭގޮތުން މުއައްވަޒު ވިދާލުވެފައިވަނީ، މިފަދަ ބޮޑު ހަރަކާތްތެއް ގައްދޫގައި ރޭވިގެން ކުރިއަށްގޮންދެވިފައި މިވަނީ ޖީ.އެޗް.ސީ ރެކްރިއޭޝަން ކްލަބްގެ ފުރިހަމަ އެއްބާރުލުމާއި އެ ޓީމުގެ މިންނެތް މަސައްކަތުން ކަމަށާއި، އެކްލަބްގެ ފަރާތުން އީދު ހަރަކާތްތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ވެދެއްވި އެހީތެރިކަމަށް އެފް.ސީ ބޮއްކުރާގެ ނަމުގަ އާއި އެފަރާތުގެ އަމިއްލަ ނަމުގައި ވަނީ ޝުކުރު ދަންނަވާފައެވެ. އަދި މި ހަރަކާތުގެ އެންމެހާ މަސައްކަތް ކުރިއަށް ގޮސްފައިމިވަނީ 1 މަސްދުވަހުގެ ތެރޭގައި ކަމަށްވުމާއިއެކު، ކުރިއަށް ހުރި ހަރަކާތްތަކަށް އެކްލަބްގެ ފަރާތުން ކުރަމުންދަނީ ވަރަށް ފޮނި އުއްމީދުތަކެއް ކަމަށް މުއައްވަޒު ވަނީ ފާހަގަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-