ލ. އަތޮޅު ގާދޫގައި ތަރައްޤީކުރާ “މެރިޓައިމް ހަބް” ރަސްމީކޮށް އިފްތިތާޙްކޮށް، އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރަސްމީކޮށް ކޮންޓްރެކްޓަރަކާ ހަވާލު ކޮށްފިއެވެ.
މެރިޓައިމްގެ ތަފާތު ގިނަ ޚިދުމަތްތައް ފޯރުކޮށްދޭގޮތަށް ލ. ގާދޫގައި ތަރައްޤީކުރާ “މެރިޓައިމް ހަބް” ރަސްމީކޮށް އިފްތިތާހްކުރީ ލާމު އަތޮޅުގައި ސަރުކާރުންކުރިއަށް ގެންދާ އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް އިފްތިތާޙްކުރުމަށް ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ގާދޫ މެރިޓައިމް ހަބްގެ މަޝްރޫއުގައި ސޮއިކުރެއްވީ އެމްޕީއެލްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް އެވެ. މި މަޝްރޫއު އެމްޕީއެލް އިންހިންގަނީ މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ހިމެނޭ “އިންޓަގްރޭޓާޑް ކޮންސެޕްޓް” އެއްގެ މައްޗަށެވެ.
މި ހަފްލާގައި ލ. “މެރިޓައިމް ހަބް” ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަވާލުކުރެވުނު ޗައިނާގެ ކެމް.ސީ އިންޖިނިއަރިންގ ކޯ ލިމިޓަޑާއެކު އެމް.ޕީ.އެލް އިން ވަނީފަހުމުނާމާގައި ސޮއިކޮށްފައެވެ.
ގާދޫގައި ތަރައްޤީކުރާ މެރިޓައިމް ހަބަކީ ޝިޕިން ޓްރޭޑް ލޮޖިސްޓިކްސް އަދި ފަތުރުވެރިކަން ފަދަ މެރިޓައިމް އެކި ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ ޙާއްސަސަރަހައްދެކެވެ.
މީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މަގުފަހިވެ ވަޒީފާގެ ފުރުސަތުތަކާއި އުމްރާނީ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ ލާމު “މެރިޓައިމް ހަބް” އަކީ ލާމު އަތޮޅުގެ އިޤްތިސާދަށް “އާދަޔާ ހިލާފުފައިދާއެއް” ކުރާނެ މަޝްރޫއެއް ކަމަށެވެ.
ވަޖީހް ވިދާޅުވީ އެމް.ޕީ.އެލްގެ ވިސްނުމަކީ ތަފާތު އެކި ދާއިރާތަކަށް ވިޔަފާރި ފުޅާކޮށް، އާމްދަނީ އިތުރުކޮށް ޤައުމުގެ އިޤްތިސާދީ ކުރިއެރުމަށް މުހިންމުމަސައްކަތްތަކެއް ކުރުން ކަމަށެވެ.
ޒަމާނީ ތަރައްގީއާއެކު ލ. އަތޮޅު އަންނަ މެރިޓައިމް ހަބްގެ ޚިދުމަތާއެކު މި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ. މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އީކޯ–ފްރެންޑްލީ ޑިވަލޮޕްމަންޓް މެތޮޑްސް ތެރެއިންނެވެ.