ލަންކާގެ ދެކުނުން 179 ކިލޯގެ ހެރޮއިން އަތުލައިގެންފިއެވެ.
އެ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލަންކާ ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތުގެ އެހީގައި އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހިންގި އޮޕަރޭޝަނެއްގައެވެ.
އެ ގައުމުގެ ނޫސްތަކާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ މި ތަކެތި އަތުލައިގަނެފައިވަނީ ލަންކާގެ ދެކުނު ދޮންޑްރާ އައްސޭރިފަށުން 246 ކިލޯމީޓަރު ދުރުން ދުއްވާފައި ދިޔަ އުޅަނދެއްގެ ތެރެއިންކަމަށެވެ.
އެ މައްސަލާގައި އެ އުޅަނދުގައި ތިބި ހަ މީހުންނާއި މަސްތުވާތަކެތި ނަގަން ދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ އިރު، ލަންކާ ފުލުހުން ވަނީ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 3.7 ބިލިއަން ލަންކާ ރުޕީސްއަށް އަރާނެކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ގިނަވުމާއި ގުޅިގެން އެ ތަކެތި އަތުލައިގަތުމަށް ލަންކާގެ ކަނޑުގެ ސިފައިން ދަނީ ހާއްސަ އޮޕަރޭޝަންތަކެއްވެސް ހިންގަމުންނެވެ.