-Advertisement-

-Advertisement-

އީސީގެ މެންބަރުކަމަށް ހަސަން ޒަކަރިއްޔާ އައްޔަނުކޮށްފި

އީސީ މެންބަރުކަމުގެ ލިޔުން ރައީސް މުއިއްޒު ޒަކަރިއްޔާއަށް ހަވާލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޒަކަރިއްޔާއަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ލިޔުން އެރުވުމުގެ ކުރިން ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަލީ ރަޝީދު ހުސައިންގެ ހާޒިރުގައި ޒަކަރިއްޔާ ވަނީ، އީސީގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބްގެ މެންބަރުކަމުގެ ދެ ވަނަ ދައުރު ހަމަވެވަޑައިގެން ކޮމިޝަނުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. ހަބީބް އީސީން ވަކިވެވަޑައިގަތީ އެ ކޮމިޝަނަށް އޭނާ ހިދުމަތް ކުރައްވާތާ 21 އަހަރު ފަހުންނެވެ.

އީސީގެ މެންބަރުކަމުގެ މަގާމަށް ޒަކަރިއްޔާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ޖަލްސާގައި ބައިވެރިވި 39 މެންބަރުންގެ އިއްތިފާގުންނެވެ. އީސީގެ އެސްޖީގެ މަގާމަށް ހަސަން ވަޑައިގެންނެވީ 2021 ގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-