-Advertisement-

-Advertisement-

އެންޓި ޑިފެކްޝަން ބިލު ރައީސް ތަސްދީގު ކުރައްވައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އިންތިހާބީ މަގާމުތަކުގައި ތިއްބަވައި ބޭފުޅުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އަލުން ހަދަން ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ އޮތް އިދިކޮޅު އެމްޑީޕީގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. މި މަހުގެ އެއްވަނަ ދުވަހު މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފައެވެ.

އެންޓި-ޑިފެކްޝަން ގާނޫނަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމު ކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު ޢަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، ރައްޔިތުން އިންތިހާބުކުރާ ބޭފުޅުންނަކީ އެ އިންތިހާބުކުރި ފިކުރެއްގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއި އާންމުންގެ މެދުގައި އެ ބޭފުޅުންނާ މެދު އިތުބާރާއި ޔަގީންކަން ބޮޑުކުރުމެވެ.

ކުރިން 18 ވަނަ މަޖިލީހުގައި ވެސް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކުރިއެވެ. ނަމަވެސް އޭރު އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި 2018 ވަނަ އަހަރު ހަމަ އެ މަޖިލީހުން ވަނީ އެ ގާނޫނު އުވައިލަން ފާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-