މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވާތީ އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ވަގުތު އެއް ގަޑިއިރު އިތުރުކުރަން ގައުމީ ލަފާދޭ ކޮމިޓީން އިލެކްޝަން ކޮމިޝަން ގައި އެދިއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ އިންތިޚާބާބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ ފަސްވަނަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވަނީ، ވޯޓުލާ ދުވަހު ވިއްސާރަ ވެއްޖެނަމަ ވޯޓުގެ ވަގުތު އިތުރު ކުރުމާ ގުޅޭ ގޮތުން ޕާޓީތަކުގެ ލަފައަށް އައްސަވައިފައެވެ.
“އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ތިބޭފުޅުންގެ ލަފާފުޅަކަށް ބޭނުންވާ ކަމެއްގެ ވާހަކަ ދަންނަވާލާނަން. ރާއްޖެއަށް މޫސުން ލަފާކުރާގޮތުން ވެއްޖެއްޔާ އަންނަ އާދިއްތަ ދުވަހު ވެސް ކޮންމެވެސް ވަރަކަށް ރާއްޖޭގެ ކޮންމެވެސް ހިސާބުތަކަކަށް ވިއްސާރަ ކުރާނެ. އަޅުގަނޑުމެން ކުރިން ނިންމަން ބޭނުންވޭ ގަޑިއަށް ބަދަލެއް ގެންނާނެކަން ނުވަތަ ނުގެންނާނެކަން، ގެންނަންޏާ ގެންނާނީ ކޮން މިންވަރަކަށް ކަން،” ފުއާދު
އޭނާ ވިދާޅުވީ، ވޯޓުލާ ދުވަހު ވިއްސާރަ ވެގެން ނުވަތަ ވަކި ސަރަހައްދަކަށް ވިއްސާރަ ވެގެން ވޯޓުލާ ވަގުތު އިތުރުކުރަން ރިކުއެސްޓުތައް އަންނާނެ ކަމަށެވެ. ނަމަވެސް، ވޯޓުލާ ދުވަހުގެ ކުރިން ވޯޓުލާނީ 08:00 އިިން 04:00އަށް ތޯ ނުވަތަ 08:00 އިން 05:00އަށް ތޯ ނިންމަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ ފަރާތްތަކުން ވަނީ ވޯޓުލާ ވަގުތަށް އެއްގަޑިއިރު އިތުރު ކުރުމަށް ތާއީދު ކުރަށްވާ ކަމަށް ވިދާޅުވެފައެވެ.
މަޖިލީސް އިންތިހާބުގައި 93 ދާއިރާއަށް 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރާއިރު ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރެއެވެ.