މަޖިލީހުގެ އިންތިހާބަށް ސަރުކާރުން ކުރަނީ ބިރު ދެއްކުމުގެ ކެމްޕޭނެއްކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސޯލިހު މިފަދައިން ވިދާޅުވީ އއ. ބޮޑުފުޅަދޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ސޯލިހު ވިދާޅުވީ ސަރުކާރުން ކުރަމުންދާ ކެމްޕޭނަކީ ހަމައެކަނި ބިރު ދެއްކުމާއި، ނުފޫޒު ފޯރުވުން ކަމަށާއި މަގާމު ގެއްލިދާނެތީ ބިރުން އެމްޑީޕީގެ ކެންޑިޑޭޓުންގެ ޖަލްސާތަކުގައި ބައިވެރިވާން ބައެއް ފަރާތްތަކަށް ނުކެރިފައި އެބަތިބި ކަމަށެވެ.
މިފަދަ ކަންކަން ހައްލުކުރަން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ބޭނުންވާ ކަމަށާއި އެގޮތުން މަޖިލީހުގެ މެޖޯރިޓީ ލިބުމާ އެކީ ކުންފުނިތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭން ގާނޫނެއް ވުޖޫދު ކުރާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ އަބަދު ވެސް މަސައްކަތަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށާއި ވެރިކަމުގައި ތިއްބަސް އަދި ނެތަސް އިސްކުރާނީ ރައްޔިތުން ކަމަށް ސޯލިހު ވިދާޅުވި އެވެ.
މީގެއިތުރުން މި ސަރުކާރަށް ފުށިދިއްގަރުފަޅަށް އެޅި ފަސްކޮޅު ފިޔަވާ އިތުރު އާ ކަމެއް ނުކުރެވޭ ކަމަށާއި ދެން ކުރާ ކަމަކީ ކުރީ ސަރުކާރުން ކުރި ކަންކަމުގެ ރިބަން ކެނޑުމާއި ސޮއިކޮށްފައި ހުރި އެއްބަސްވުންތައް އަލުން އާކުރުން ކަމަށް ސޯލިހު ވިދާޅުވިއެވެ.