-Advertisement-

-Advertisement-

އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުދި ގައުމުތަކަށް ދަތި، މިކަމުގައި ލުއިތަކެއް ބޭނުންވޭ: ފައިސަލް

ޔޫއެންޖީއޭގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ތަގުރީރު ކުރައްވަނީ

އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދުމަށް ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދަތިކަމަށާއި ކުޑަ އިންޓަރެސްޓުގައި ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ ދަރަނީގެ ދެމެހެއްޓެނިވިކަމާއި އިޖްތިމާއީ އިގްތިސާދީ ހަމަހަމަކަމުގެ މައްޗަށް ކުރިޔަށްގެންދިޔަ އދ.ގެ މަތީ ފަންތީގެ ބަހުސްގައި ތަގުރީރު ކުރައްވަމުންނެވެ.

ފައިސަލް ވިދާޅުވީ މިކަން ބަދަލުކުރަން ބައިނަލްއަގްވާމީ މާލީ އޮނިގަނޑަށް އަވަސް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެންމެ ނާޒުކު އިގްތިސާދުތަކަށް ދިމާވާ މާލީ ކާރިސާތަކުން ސަލާމަތްވެވޭނެ ފަދަ ލުއި ފިޔަވަޅުތައް ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިގްތިސާދުތަކަށް ކުރިމަތިވެފައިވާ ބޭރުގެ ލޮޅުންތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކަށް ނާޒުކުކަން ކުރިމަތިވާ ކަމަށާއި، މިފަދަ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ނުލިބޭކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރާއްޖެވެސް ހިމެނޭހެން ބައެއް އެހެން ކުދި ގައުމުތަކުން ލޯނުތައް ނަގާއިރު ދަރަނީގެ މިންވަރު މަތިވެ، އިގްތިސާދީ ހާލަތު އިތުރަށް ގޯސްވާކަމަށާއި މިކަމުގެ ސަބަބުން އިގްތިސާދު ނާޒުކު ހާލަތަށް ވެއްޓި އެކަމުން އަރައިގަތުމަށް ކުރަންޖެހޭ ކަންތައް ގިނަކަމަށާއި، އިގުތިސާދީ ކުރިއެރުން ހާސިލްކުރުމަށްޓަކައި އިންވެސްޓްމަންޓްތައް މުހިންމު ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

“އެހެން ކުދި ގައުމުތަކޭ އެއްގޮތަށް ރާއްޖެއަށް ވެސް ބޭރުން ފައިސާ ހޯދުމަށް ދާ ހަރަދު ބޮޑު. އެހެންވެ، ދަރަނި އަނބުރާ ދައްކަން ކުރަން ޖެހޭ ހަރަދު ވަރަށް ބޮޑަށް އިތުރުވޭ. އެހެންވެ، މުހިއްމު ދާއިރާތަކަށް އިންވެސްޓްކުރަން ބޮޑެތި ހުރަސްތައް ކުރިމަތިވޭ،”- ފައިސަލް

އެހެންކަމުން، ކުރިމަތިވެފައިވާ މާލީ ހުރަސްތައް ހައްލުކުރުމުގެ މަގުސަދުގައި ރާއްޖެއިން ވަކާލާތު ކުރަނީ މާލީ ދަތިކަން ކުރިމަތިވާ ގައުމުތަކަށް އެހީތެރިކަން އިތުރުކުރުމާއެކު ދަރަނި ކުޑަ އިންޓްރަސްޓެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުންކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-