-Advertisement-

-Advertisement-

މަޝްއަރު ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން މައްކާގައި ތާށިވެއްޖެ، މައްސަލަ ފުލުހަށް

އުމްރާގެ އަޅުކަމަށް ފުރާ މީހުން ދުރާލާ އެއާޕޯޓަށް ދިއުމަށް ވަނީ އެދިފައި --

މަޝްއަރު ޓުއާސްގެ ނަމުގައި ރަޖިސްޓްރީނުކޮށް ހިންގާ ގުރޫޕެއްގެ ހަވާލުގައި ނިމިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ދިވެހިންތަކަކަށް ނުފުރި މައްކާގައި ތާށިވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ވަކި ގުރޫޕެއްގެ ނަން ފާހަގަނުކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާއި ހިލާފަށް މީހުން އަތުން ލާރި ނަގައި އެ އަށް އިހުމާލުވަމުން ދާ ޖަމާއަތެއްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް މިއަދު ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ރޯދަމަހު ވެސް މަޝްއަރު އެޖެންސީގެ ވެރިޔާ އަލީ ފާރިޝްގެ މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، އެ ފަހަރު އެ ގުރޫޕުން މީހުން އުމްރާއަށް ގެންދިޔައީ މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ނަމުގައެވެ.

އެއީ 138 މީހުންނެވެ. ނަމަވެސް އެ މީހުންގެ ޓިކެޓަށްވާ ފައިސާ ނުދައްކައި ލަސްކޮށް، އެންމެ ފަހުން ޗެކް ބައުސްވުމުން އުމްރާވެރިން މައްކާގައި ތާށިވި މައްސަލާގައި އެ ގްރޫޕްގެ ހުއްދަ މިނިސްޓްރީން ބާތިލްކުރިއެވެ.

އެހެންކަމުން، މި އަހަރު އަލީ ފާރިޝް މީހުން އުމްރާއަށް ގެންދިޔައީ މަޝްއަރު ޓުއާސްގެ ނަމުގައި ޓްރެވަލް އެޖެންސީއެއް ހަދައިގެންނެވެ. އެ ގުރޫޕުގެ ހަވާލުގައި 50 އެއްހާ މީހުން މިދިޔަ ރޯދަމަހު އުމްރާއަށް ގޮސްފައިވާއިރު، އެއީ ރަޖިސްޓަރީ ކޮށްފައިވާ ޓްރެވަލް އެޖެންސީއެއް ނޫން ކަމަށް ވަނީ މައުލޫމާތު ލިބިފައިއެވެ.

މަޝްއަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް ނުފުރި މައްކާގައި ތާށިވެފައިވާއިރު، އެ އެޖެންސީއަށް މި ފަހަރު ޓިކެޓް ވިއްކި އޭޖެންޓް އޭސް ޓްރެވަލްސް އިން ވަނީ ކަނޑައެޅި މުއްދަތުގައި އެ އެޖެންސީން ފައިސާ ނުދެއްކުމުން ރިޓާން ޓިކެޓުތައް މިދިޔަ މަހު ފަހުކޮޅުގައި ކެންސަލްކޮށްލާފައިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޝްއަރު ގުރޫޕުން މިހާރު ވަނީ ފައިސާ ހުރި ނަމަ އަމިއްލަ ހަރަދުގައި ރިޓާން ޓިކެޓު ނަގައިގެން ފުރުމަށާއި އެ ފައިސާ 30 ދުވަހުގެ ތެރޭގައި އަނބުރާ ދޭނެ ކަމަށް އުމްރާވެރިންނަށް އަންގައިފައެވެ. ނަމަވެސް އެ އެޖެންސީގެ ހަވާލުގައި ދިޔަ މީހުން ވަނީ އުމްރާއަށް ފުރުމުގެ ކުރިން ދެކޮޅު ޓިކެޓަށްވާ ފައިސާވެސް ދައްކައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-