ކުރީގެ މެންބަރުންނަށް ދައުލަތުން ދެމުންދާ އެލެވެންސް އުވާލުމަށް ގޮވާލާ އަޑު ސޯޝަލް މީޑިއާގައި ގަދަވެއްޖެއެވެ.
އެ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 ޕަސެންޓް ދައުލަތުން ދޭންވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 45 ޕަސެންޓް ދައުލަތުން ދޭންވާނެ އެވެ.
ގާނޫނުގައިވާ ގޮތުން މި އިނާޔަތް ލިބޭނީ ރައްޔިތުންގެ މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެންބަރެއްގެ އުމުރުން 55 އަހަރު ފުރުމަށް ފަހުގަ އެވެ. ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި މި އިނާޔަތެއް ނުލިބޭނެ އެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިދިޔަ އާދިއްތަ ދުވަހު އިންތިހާބުކޮށްފައިވާއިރު، ގިނަ މެންބަރުންނަކީ މުޅިން އާ މެންބަރުންނެވެ. ނިމިގެންމިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން ދެ ވަނަ ދައުރެއް ހޯދާފައިވަނީ އެންމެ 11 މެންބަރުންނެވެ.
އެހެންކަމުން މި ނިމޭ މަޖިލީހުން ވެސް 76 މެންބަރަކަށް އެލަވެންސް ދޭން ޖެހޭނެ އެވެ. އޭގެ ތެރޭގައި އެއް ދައުރު ފުރިހަމަކުރި ގިނަ މެންބަރުންނާއި ދެ ދައުރު ނުވަތަ ތިން ދައުރު ފުރިހަމަކުރި މެންބަރުން ހިމެނެ އެވެ. ގާނޫނުގައި ބުނާ ގޮތަށް އެލަވެންސް ދޭ ނަމަ، އެއް ދައުރު ފުރިހަމަ ކުރާ މެންބަރަކަށް 18،000ރ. އަދި ދެ ދައުރަށް ވުރެ އިތުރަށް އަދާކުރާ މެންބަރަކަށް މަދުވެގެން 27،000ރ. ލިބޭނެ އެވެ.
މިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި މިއީ ދައުލަތަށް އުފެލޭ މިންވަރަށް ވުރެ ބޮޑު މާލީ ބުރައެކެވެ.