ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކުހުގެ 10 ޕަސަންޓް ކައުންސިލްތަކަށް ލިބޭގޮތަށް ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމުގެ މަޝްވަރާ ހިނގަމުންދާ ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދައިދީ ކައުންސިލްތައް އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޮންމެ ކައުންސިލަކަށް ފަޅުރަށެއް ނުވަތަ ފަޅެއް ދިނުމުގެ އުސޫލުގެ ދަށުން ބައެއް ކައުންސިލްތަކަށް ފަޅެއް ނުވަތަ ރަށެއް ހަމަޖައްސާފައިވާނެ ކަމުގައި ވިދާޅުވި އެވެ.
“ފަތުރުވެރިކަމުން ރަށްރަށުން ލިބޭ ޓެކުހުގެ އާމްދަނީން 10 ޕަސަންޓް ކައުންސިލްތަކަށް ދިނުމާ ގުޅޭގޮތުން ދަނީ މަޝްވަރާކުރަމުން. މިއީ ސަރުކާރުން ކައުންސިލްތަކުގެ ކުރިއެރުމަށް އިސްކަންދޭކަން ފެންނަ ކަމެއް،” އާދަމް ޝަރީފް
މީގެއިތުރުން ލޯކަލް ކައުންސިލްތައް މިހާރަށް ވުރެ ހަރުދަނާކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް ދިރާސާއެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ދިރާސާ ކުރަނީ ގައުމީ ޔުނިވަސިޓީއާ ހަވާލުކޮށްގެންނެވެ.
މިރަސްމިއްޔާތުގައި އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ ވިދާޅުވީ މިދަރުބާރުގައި ކައުންސިލްތަކުން ބޭނުންވާ ކަންކަން ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައި މަޝްވަރާކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.