-Advertisement-

-Advertisement-

ކުރީގެ މެންބަރުންނަށް ދައުލަތުން ދެމުންދާ އެލެވެންސް އުވާލުމަށް ތާއީދު: މޫސާ ސިރާޖު

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދެމުން އަންނަ މާލީ އިނާޔަތް އުވާލުމަށް ތާއީދު ކުރައްވާ ކަމަށް ވެރިކަން ހިންގާ ކޯލީޝަންގެ މައި ޕާޓީ ޕީއެންސީގެ ޕާލަމެންޓް ގްރޫޕުގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިފަދައިން ވިދާޅުވެފައިވަނީ ރީގެ މެންބަރުންނަށް ދައުލަތުން ދެމުންދާ އެލެވެންސް އުވާލުމަށް ގޮވާލާ އަޑު ސޯޝަލް މީޑިއާގައި ގަދަވެފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހެއްގެ ގޮތުގައި އެ އިނާޔަތްތައް ކަނޑައިލުމަށް 2022 ވަނަ އަހަރު މަޖިލީހަށް ހުށަހެޅުއްވީ، ވިލިމާލެ ދާއިރާގެ އޭރުގެ މެންބަރު، އަދި މިހާރުގެ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްއެވެ.

އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން އުޝާމް ވިދާޅުވީ، “ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު” ގައި ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން ބޮޑެތި އިނާޔަތްތަކެއް ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ އިނާޔަތަކީ ދައުލަތަށް 30-20 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތްތަކެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

އެ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 ޕަސެންޓް ދައުލަތުން ދޭންވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 45 ޕަސެންޓް ދައުލަތުން ދޭންވާނެ އެވެ.

ގާނޫނުގައިވާ ގޮތުން މި އިނާޔަތް ލިބޭނީ ރައްޔިތުންގެ މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެންބަރެއްގެ އުމުރުން 55 އަހަރު ފުރުމަށް ފަހުގަ އެވެ. ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި މި އިނާޔަތެއް ނުލިބޭނެ އެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިދިޔަ އާދިއްތަ ދުވަހު އިންތިހާބުކޮށްފައިވާއިރު، ގިނަ މެންބަރުންނަކީ މުޅިން އާ މެންބަރުންނެވެ. ނިމިގެންމިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން ދެ ވަނަ ދައުރެއް ހޯދާފައިވަނީ އެންމެ 11 މެންބަރުންނެވެ.

އެހެންކަމުން މި ނިމޭ މަޖިލީހުން ވެސް 76 މެންބަރަކަށް އެލަވެންސް ދޭން ޖެހޭނެ އެވެ. އޭގެ ތެރޭގައި އެއް ދައުރު ފުރިހަމަކުރި ގިނަ މެންބަރުންނާއި ދެ ދައުރު ނުވަތަ ތިން ދައުރު ފުރިހަމަކުރި މެންބަރުން ހިމެނެ އެވެ. ގާނޫނުގައި ބުނާ ގޮތަށް އެލަވެންސް ދޭ ނަމަ، އެއް ދައުރު ފުރިހަމަ ކުރާ މެންބަރަކަށް 18،000ރ. އަދި ދެ ދައުރަށް ވުރެ އިތުރަށް އަދާކުރާ މެންބަރަކަށް މަދުވެގެން 27،000ރ. ލިބޭނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-