-Advertisement-

-Advertisement-

ޕީއެންސީއަށް ސޮއިކުރި 6 މެންބަރުންގެ ޝަރުތެއް އުންޏެއް ނުވޭ: ހަބީބު

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުތަކުން ކުރެ ޝަރުތެއް ރައްޔިތުންގެ މަޖިލިސް އިންތިހާބުން އިންތިހާބުވެ ވަޑައިގަތުމަށް ފަހު ޕީއެންސީއަށް ސޮއިކުރެއްވި ހަ މެންބަރުންގެ ޝަރުތު އުނި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު އިތުރަށް ވިދާޅުވީ، އެންޓި-ޑިފެކްޝަންގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެ ވަޑައިގެންފައިވާ ކޮންމެ މެންބަރަކު ވެސް އަންނަ މެއި މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ ބޭފުޅަކު ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންނޫނަސް ގާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ހިލާފަށް، އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ގާނޫނަކުން އުންޏެއް ނުކުރެވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުން އަމިއްލަ އަށް އިސްތިއުފާ ދޭންޖެހޭ ގޮތަށް އެމްޑީޕީގެ މެމްބަރުން އިސްވެ، އެންޓި ޑިފެކްޝަންގެ ގާނޫނު ކުއްލި ގޮތަކަށް މި މަހުގެ 1 ގައި ފާސްކުރި ނަމަވެސް އެ ގާނޫނުން ވަރަށް ގިނަ މައްސަލަތައް ގާނޫނީ ބޭފުޅުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.

އޭގެ ތެރެއިން އެއް ކަމަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ޝަރުތުތައް އުނިވާނެ ޝަރުތުތައް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާއިރު، ގާނޫނުއަސާސީގައި ނެތް ޝަރުތުތަކެއް ގާނޫނުގައި ހިމަނާފައި ވުމެވެ. އެހެންވެ، އެންޓި ޑިފެކްޝަން ގާނޫނު، ގާނޫނުއަސާސީއާ ހިލާފު ކަމަށް ގާނޫނީ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ކުރިއަށް އޮތް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އަށް ވާއިރު ގާނޫނުއަސާސީ އިސްލާހު ކުރެވޭ ވަރުގެ ސުޕަމެޖޯރިޓީ އަކީ 70 އެވެ. ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވައިގެން ކާމިޔާބުކުރެއްވި 66 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރައްވައި، އެކަމަކު ޕީއެންސީން ފަހުން ތާއިދުކުރި ހަ ކެންޑިޑޭޓުންނާ އެކު، 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީގެ ޖުމްލަ އަދަދަކީ މިހާރު 72 އެވެ. މި މެންބަރުންގެ އިތުރުން ޕީއެންސީ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި އެމްޑީއޭގެ 2 މެންބަރުންނާއި އެމްއެންޕީގެ މެންބަރު ހިމެނޭ އިރު ސުޕާ މެޖޯރިޓީގެ އަދަދު ކޯލިޝަންގެ މެންބަރުންނާ އެކު 76 އަށް ވަނީ އަރާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-