-Advertisement-

-Advertisement-

ދަރިފުޅު ހިންގި ސްކޭމުގެ ފައިސާ މަންމަ ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

އެކި ދުވަސްވަރުގެ މަތިން މ. ފާގަތިގެ ވެރިޔާ ސުލްތާނާ އަހުމަދަށް އޮޅުވާލައިގެން އޭނާގެ ދަރިފުޅު އިބްރާހީމް ހުނައިން އަހުމަދު އެގޭގެ އެޕާޓުމެންޓުތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރާ ކަމަށްބުނެ އެޑްވާންސް ނެގުމަށްފަހު، އެޕާޓުމެންޓް ހަވާލުނުކޮށް، ހިންގި ސްކޭމުގެ ފައިސާ ގޭގެ ވެރި ފަރާތުން ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސ. ފޭދޫ، ފިލިގަސްދޮށުގެ، ހައްވާ ސަދާއާއި ސުލްތާނާއާ ދެމެދު 2020 ޖެނުއަރީ 22 ގައި ވެފައިވާ ލީސް އެގްރީމެންޓެއްގެ ދަށުން، ސުލްތާނާއަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްކާފައިވީ ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ ފާގަތިގޭގެ ހަތަރުވަނަ ފަންގިފިލާގެ ތިން ކޮޓަރީގެ އެޕާޓްމެންޓް ހަވާލުކޮށްފައިނުވާތީ، ކުއްޔަށް ދީފައިވާ އެޕާޓްމެންޓް ކޯޓު މެދުވެރިކޮށް ހައްވާއާ ހަވާލުކުރުމަށް އެދި ސުލްތާނާގެ މައްޗަށް ހައްވާ ދައުވާ ކޮށްފައިވާއިރު،

ސިވިލް ކޯޓުގައި ހައްވާ އެދިފައިވަނީ ލީސް އެގްރީމެންޓާ އެއްގޮތަށް ހަވާލުކުރުމަށް އަމުރުކޮށް ދިނުމަށް ނުވަތަ އޭނާ އެޑްވާންސަށް ދެއްކި ފައިސާ އަނބުރާ ރައްދުކޮށް ދިނުމަށް ސުލްތާނާގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

ދިފާއުގައި ސުލްތާނާ ބުނެފައިވަނީ “ދައުވާގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ ސުލްތާނާ އަހުމަދުގެ ދަރިފުޅު އިބްރާހިމް ހުނައިން އަހުމަދުގެ ފަރާތުން ސުލްތާނާ އަހުމަދަށް ނުރަނގަޅު ނުފޫޒު ފޯރުވައިގެން ވެފައިވާ އެއްބަސްވުމެއް ކަމުގައިވާތީ، މި އެއްބަސްވުމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 03، 12 އަދި 15 ވަނަ މާއްދާއާ ހިލާފަށް ވެފައިވާ އެއްބަސްވުމެއް ކަމުން، މި އެއްބަސްވުމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ޣައިރު ގާނޫނީ ކޮންޓްރެކްޓެއްކަމުގައި ކަނޑައަޅަންޖެހޭ ކަމަށާއި، އަދި ދައުވާގައި ހޯދުމަށް އެދިފައިވާ އެޑްވާންސް ފައިސާގެ އެއްވެސް މިންވަރެއް ދައުވާކުރާ ފަރާތުން ދައުވާ ލިބޭ ފަރާތައް ދައްކާފައި ނުވާތީ، އެ ފައިސާއަކީ ދައުވާ ލިބޭ ފަރާތުން ދައްކަން ޖެހޭ ފައިސާކަމުގައި ނުދެކޭ ކަމަށާއި ހަވާލުކުރަން ޖެހޭ ކަމަށް ބަޔާންކުރާ އެޕާޓްމެންޓް ހަވާލު ކުރަންޖެހޭނެކަމުގައި ނުދެކޭ” ކަމަށެވެ.

ގާޒީ ވިދާޅުވީ ތިންވަނަ ފަރާތެއްގެ ގޮތުގައި އިބްރާހީމް ހުނައިން އަހުމަދުގެ ފަރާތުން ސުލްތާނާ އަހުމަދަށް ނުފޫޒު ފޯރުވައިގެން ހައްވާ ސަދާއާ ދެމެދު ކޮންޓްރެކްޓެއްގައި ސުލްތާނާ އަހުމަދު ބައިވެރި ކޮށްފައިވޭތޯ ބަލާ އިރު، އެފަދައިން އެކަން ވެސް ސާބިތުނުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ކޮންޓްރެކްޓުގައި އެޑްވާންސްގެ ފައިސާގެ ގޮތުގައި ބަޔާންކުރާ 400،000 ރުފިޔާ ދައްކަންޖެހޭ ކަމާމެދު ހިލާފެއް ނެތް ކަމަށާއި އެ ފައިސާ ނުލިބޭ ކަމަށް ދައުވާ ލިބޭ ފަރާތުން ބުނާތީ އެ ފައިސާ ދެއްކިކަން ސާބިތު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ ދައުވާކުރާ ފަރާތުން ކަމަށެވެ.

ދައުވާކުރާ ފަރާތުގެ ހެކި ލިސްޓާއެކު ހުނައިންއަށް ފައިސާ ޖަމާކުރިކަމުގެ ބޭންކު ސްލިޕް ކޮޅުތައް ހުށަހެޅިއެވެ. އަދި ވަނީ 25،000 ރުފިޔާ ހުނައިން ދެއްކި ކަމަށް ބުނާ ލިޔުމެއް ހުށަހަޅައިފައެވެ. ހުނައިން އެކި ދުވަސްތަކުގެ މަތިން އެ ފައިސާ ޓްރާންސްފާ ކޮށްފައިވާނެ ކަމަށް ހައްވާގެ ފަރާތުން ހުށަހެޅި ހެކިވެރިޔަކު ބުނެފައިވާ އިރު، ހައްވާގެ ފިރިމީހާ ހެކިބަސް ދެމުން ބުނެފައިވަނީ 400،000 ރުފިޔާގެ ތެރެއިން ބައެއް ފައިސާ ދައްކާފައިވަނީ ކޭޝްކޮށް ކަމަށެވެ.

ގާޒީ ރައުޔުގައި ވިދާޅުވީ އެޑްވާންސް ފައިސާ ސުލްތާނާއަށް ލިބިފައިނުވާތީ އޭނާ އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، މައްސަލައިގެ ހުކުމުގައި ގާޒީ ވިދާޅުވީ ހުނައިން ދައްކާފައިވާކަން ބަޔާންކުރާ ފައިސާއަކީ ސުލްތާނާއަށް ލިބިފައިވާ ފައިސާއެއް ކަމުގައި ނުވާތީ، އެ ފައިސާ އަނބުރާ ދައްކަން ސުލްތާނާއަށް އަންގާނެ ތަނެއް ނެތް ކަމަށެވެ. އަދި ދައުވާގައި ހިމެނޭ ކޮންޓްރެކްޓުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްކާފައިވާކަން އެނގެން ނެތުމުން، އެ އެއްބަސްވުމުގެ ދަށުން ހަވާލުކުރަންޖެހޭ މ. ފާގަތިގެ ކިޔާ ގޯތީގައި ހަދައިފައިވާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައިވާ ތިން ކޮޓަރީގެ އެޕާޓްމެންޓް ހަވާލުކުރުމަށް ސުލްތާނާއަށް އަންގާނެ ސަބަބެއް ނެތް ކަމަށް ހުކުމުގައި ގާޒީ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-