އީރާންގެ ރައީސް އިބްރާހީމް ރައީސީ ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ލަންކާއަށް ފުރާވަޑައިގެންފިއެވެ.
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ އެއް ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި ރައްކާތެރިކަމާ ބެހޭ މަޝްވަރާތައް ކުރާނެއެވެ.
ދެ ގައުމުގެ ދެމެދުގައި ކުރެވެން ހުރި ވިޔަފާރި އާއި ހިންގެން ހުރި ޕްރޮޖެކްޓްތައް ބަލައި އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް އިރާންގެ ރަސްމީ ނޫސްތަކުން ބުނެ އެވެ.
އީރާންގެ ރައީސްގެ ހައިސިއްޔަތުން އިބްރާހީމް ރައީސީ ގައުމުން ބޭރަށް ވަޑައިގެން މި އުޅުއްވަނީ މެދުއިރުމަތީގެ ހާލަތު ވަރަށް ނުރައްކާ ފައްތަރެއްގައި އޮއްވައެވެ. އެގޮތުން ސީރިއާގެ ވެރިރަށް ދިމިޝްގްގައި ހުންނަ އީރާންގެ އެމްބަސީ އިމާރާތަށް އިޒުރޭލުން ދިން ހަމަލާއަށް ބަދަލުހިފުމުގެ ގޮތުން އީރާނުން އިޒުރޭލަށް ހަމަލާ ދީފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އީރާނަށް އެކި ގޮތް ގޮތުން ދަތިކުރާނެ ކަމަށްވެސް ޔަހޫދީން އޮތީ ބުނެފައެވެ.