-Advertisement-

-Advertisement-

ސިވިލް ސާވިސް އިން ވަކިވި މީހުންނަށް އަލުން ވަޒީފާ ދެނީ

ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

އެކި ސަބަބުތަކަށްޓަކައި ސިވިލް ސާވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސާވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެކި ސަބަބުތަކާ ހުރެ ސިވިލް ސާވިސްގެ ވަޒީފާ ދޫކޮށްލާފައިވާ މީހުންނަށް އަލުން ސިވިލް ސާވިސްގެ ވަޒީފާ އަދާކުރުމުގެ މަގު ފަހުކޮށްދިނުމަށް ރައީސް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއި ގުޅިގެން، ސިވިލް ސާވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގެ އިތުރުން ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުގުވެރިކަން ހުރި، އެ ދާއިރާތަކުގައި ވަޒީފާ އަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ވަނީ ނިންމަވާފައެވެ.

އަދި މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ރައީސް އޮފީހުން ބުނީ އެކިއެކި ޓެކްނިކަލް ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށް އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށާއި އެފަދަ ފަރާތްތަކަށް ހާއްސަަ “ޕޭ ސްޓްރަކްޗާ” އެއް އެކުލަވާލުމަށްވެސް ނިންމާފައިވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުން ނިންމަވާފައި ވަނީ ސިވިލް ސާވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާއަތުތައް ހުރި ގޮތުން މީހުން ލިބުން ދަތިނޫން މަގާމުތަކަށް ވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ހިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭތީކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި، ސިވިލް ސާވިސް މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކާއި، ސިވިލް ސާވިސްއިން ދެއްވާފައިވާ މައުލޫމާތުތަކަށް ބިނާކޮށް މުވައްޒަފުން ވަކިވާ ސަބަބުތަކާއި، އެކަންކަމަށް ހައްލު ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-